މީލާދީ އާ އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
ރަޙްމަތްތެރި ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި، އާ އަހަރުގެ މުނާސަބަތުގައި އެ ގައުމުތަކުގެ ވެރިންނަށާއި، އެ ގައުމުތަކުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކޮންމެ ގައުމެއްގެ ރައްޔިތުންނަށް ވެސް މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާ ފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ. ހަމަ އެއާއެކު، މި ފެށިގެންދިޔަ އާ އަހަރު، އެ ގައުމުތަކާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުވެގެން ދިއުމަށް، އުންމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި އެވެ.
ރައީސް މުއިއްޒު ވަނީ އާ އަހަރުގެ ތަހުނިޔާ ބޮޑެތި ޖަމުޢިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވައިފަ އެވެ. އެގޮތުން އދ، ސާކް، އަދި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވި އެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެ އެވެ.













