ފަސިންޖަރުން އުފުލާ ބަހަކާއި އިންފްލައިޓް ކޭޓަރިންގެ ބަހެއް ޖެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މީޑިއާ އޮފިޝަލަކު ބުނީ އެ އެކްސިޑެންޓު ހިނގީ މިރޭ 7:00 ޖަހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެ އެވެ.
"އެއްވެސް މީހަކަށް އެ އެކްސިޑެންޓުގައި ގެއްލުމެއް ނުވޭ. އެ އެކްސިޑެންޓު އެމްއޭސީއެލްއިން ތަހުގީގު ކުރާނެ،" އޭނާ ބުންޏެވެ.
މީޑިއާ އޮފިޝަލު ބުނީ އެކްސިޑެންޓު ހިނގީ ރަންވޭގެ އޭޕްރަންއާވީ ފަރާތުގައި ކަމަށެވެ. އެކްސިޑެންޓުވީ ބަހާއި އެހެނިހެން ވެހިކަލް ދަތުރު ކުރަން ހާއްސަކޮށްފައި އޮންނަ މަގުގައި ކަމަށް އޭނާ ބުންޏެވެ. ރަންވޭގައި ހަދާފައި ހުންނަ އެ މަގަށް އާންމުކޮށް ކިޔަނީ ސާވިސް ރޯޑެވެ.
އެ އެކްސިޑެންޓުގެ ކުރު ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު އެއިން ފެންނަ ގޮތުގައި، އެކްސިޑެންޓުގެ ސަބަބުން ފަސިންޖަރުން އުފުލާ ބަހުގެ ދޮރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަނެއް އުޅަނދަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.














