މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ބުރިޖު އަދި ހައިވޭއަށް ވަޔާއެކު ވެއްޔާއި ކުނި އަންނަމުންދާތީ ސަމާލުވާން އެދި ފުލުހުން އެލާޓެއް ނެރެފި އެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މި ވަގުތު ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ވެސް އެދިފަ އެވެ.
"ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް މިކަމަށް ސަމާލުވޭ،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ވޭތުވެދިޔަ ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭވެހި ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭ ތިން އަތޮޅަކަށް ސަރަހައްދަށް އޮރެންޖު އެލާޓް ވެސް ވަނީ ނެރެފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ކުރަމުންނެވެ. މޫސުން ދައްކާ ގޮތުން މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުންް ބުންޏެވެ.

މީގެ ކުރިން ވެސް، މޫސުން ގޯސްވެ އުދަ އެރުމުގެ ހާދިސާއެއްގައި ބުރިޖާ ހައިވޭ ގުޅޭ ހިސާބުން ގިނަ ބަޔަކާއި ވެހިކަލްތަކަކަށް ގެއްލުން ލިބުނެވެ.












