ރެއިން ފެށިގެން ކުރަމުންދާ ވިއްސާރާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި, ފްލައިޓުތައް ޑިލޭވެ, ބައެއް ފްލައިޓުތައް ކެންސަލް ކޮށްފި އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްއާން ޝާކިރު މިއަދު "އަދަދު" އަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހެމުންދާތީ, ވިޒިބިލިޓީ ދަށްވެ, ގިނަ ފްލައިޓުތަކެއް ނުޖެއްސި ވައިގައި އުދުހެމުންދާ ކަމަށެވެ.
އަދި, ވިއްސާރައިގެ ސަބަބުން ބައެއް ފްލައިޓުތައް ޑައިވާޓް ކުރުމާއި, ކެންސަލް ވުމުގެ އިތުރުން ފްލައިޓުތައް ޑިލޭވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ. އެގޮތުން, މިހާތަނަށް ހަތަރު ފްލައިޓެއް ކެންސަލްވެ, ނުވަ ފްލައިޓެއް ޑިލޭވެފައި ވާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ހިމެނެ އެވެ.
ޝަމްއާން ވަނީ, ފުރަންދާ މީހުން ދުރާލާ އޮންލައިންކޮށް ފްލައިޓް ޝެޑިއުލް ބަލައި, އެމްއޭސީއެލުން ނެރޭ ލަފާތައް ބަލައި, އެކަމަށް ތައްޔާރުވެގެން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އެއާޕޯޓުގައި ތާށިވެފައި ތިބި ފަސިންޖަރުންނަށް ބޭނުންވާ އިންތިޒާމުތައް އެމްއޭސީއެލުން ހަމަޖައްސަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

ވެލާނާ އެއާޕޯޓުގައި ފެންބޮޑުވެފައި; މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރާގައި މާލެއަށް ވެސް އޮތީ ފެނު އަޑީގައި -- ފޮޓޯ: އަދަދު
މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު, މެދު ރާއްޖެތެރޭގެ ތިން އަތޮޅަކަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.
ގާތްގަނޑަކަށް 212,138 މީހުން މާލޭގައި ދިރިއުޅެމުންދާއިރު، ފެންބޮޑުވުމުގެ ސަބަބުން ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކުގެ އިންޖީނާ ހަމައަށް އޮތީ ފެން ބޮޑުވެފަ އެވެ.













