މޫސުން ދައްކާ ގޮތުން މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.
މިއަދު ހެނދުނު މެޓު އޮފީހުން ބުނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ބާރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އިއްޔެއިން ފެށިގެން ކެރި ކަނޑައި ނުލައި ވާރޭ ވެހެމުން ދާއިރު، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ލ. ކައްދު އަށެވެ.
އެންމެ ގިނައިން ވާރޭ ވެހުނު ރަށްތައް
- ލ. ކައްދޫ: 119 މިލިމީޓަރު
- މާލެ: 73.7 މިލިމީޓަރު
- އއ. ތޮއްޑޫ: 56.8 މިލިމީޓަރު
- ހުޅުލެ: 51.7 މިލިމީޓަރު
- ކ. ކާށިދޫ: 50.7 މިލިމީޓަރު

ވާރޭ ވެހުނު މިންވަރު ރެކޯޑުކުރާ ރަށްތަކުގެ ތެރެއިން އެންމެ މަދުން ވާރޭ ވެހިފައި ވަނީ ށ. ފުނަދު އަށެވެ. އެ ރަށަށް ވެހިފައި ވަނީ 0.4 މިލިމީޓަރުގެ ވާރޭ އެވެ.

މެޓު އޮފީހުގެ އެސިސްޓެންޓު މީޓިއޮރޮލޮޖިސްޓު ހުސެއިން ވަހީދު ވިދާޅުވީ މާދަމާ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވުނަސް، ވެހޭނެ މިންވަރު މިއަދަށް ވުރެ ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދުވަސްވަރު ކުރަމުން މިދާ ވިއްސާރަކީ އާންމުކޮށް ކޮންމެ އަހަރަކު ވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރަކު ކުރާ ވިއްސާރައެއް ކަމަށާއި، މި އަހަރު މޫސުން ރަނގަޅު ނުވެ ދިގުލައިގެން ގޮސްފައި ވަނީ މި ސަރަހައްދާއި އަރަބި ކަނޑުގައި އުފެދިފައިވާ ކުދި ކޮޅިގަނޑުތަކުގެ ސަބަބުން ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
މިއަދަކީ އިރުވައި މޫސުމުގެ ދެ ވަނަ ނަކަތް ކަމުގައިވާ ފުރަހަޅަ ނަކަތުން ނުވައެކެވެ. މި ނަކަތް ނިމޭނީ ޖެނުއަރީ 5، 2024 ގަ އެވެ.
މާދަމާ އަކީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ. މޫސުން ގޯސްވުމުގެ ސަބަބުން އާ އަހަރު ފެށުން ފާހަގަ ކުރަން ތާވަލުކުރި މިއުޒިކް ޝޯ ވަނީ ކެންސަލްކޮށްފަ އެވެ.













