އާ އަހަރުގެ ބަންދާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ މަހުޖަނުން ވެސް އިތުރުވެ، ޖެޓުތަކުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ފުރާލައިފި އެވެ.
ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖެ އަންނަ ސުޕަ ޖެޓުތައް އިތުރު ވާތީ، ވީއޭއައި ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މި ފަހަރު ވަނީ އެކަމަށް ތައްޔާރުވެ ޕާކިން ޖާގަ އިތުރުކޮށްފަ އެވެ.
މިހާރު އެއް ފަހަރާ 68 ޖެޓު ޕާކު ކުރެވޭނެ އެވެ. ކުރިން ޕާކު ކުރެވޭނީ 39 ޖެޓެވެ.
ޖަޓުތައް ޕާކު ކުރަނީ އެއާޕޯޓުގެ ހުޅަނގު ދެކުނުން ހަދާފައިވާ 27،257 އަކަމީޓަރުގެ ޖާގަ އާއި އާ ފިއުލް ފާމުގެ ކުރިމަތިން އެއާޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ޖާގައިގަ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެފައި ވާއިރު، އެެތެރޭގެ އުދުހުން ތައްވެސް މިދުވަސްވަރު ވަނީ އިތުރުވެފަ އެވެ. މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.













