އެމްއެންޑީއެފުން މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގެ ތެރެއިން މިއަދު ލައިވް ވަޒަން ބޭނުންކޮށްގެން ބަޑި ޖަހާނެ ކަމަށް ބުނެފި އެވެ.
އެމްއެންޑީއެފުން ކުރި އިއުލާނެއްގައި ބުނީ ބަރު ހަތިޔާރުން ކަނޑުގެ ސަރަޙައްދަށް ލައިވް ފަޔަރިން ކުރިއަށް ގެންދާނީ މިއަދު ހެދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށެވެ.
"މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލެ ފޭސް 2 ގެ އިރު އުތުރުން 6100 މީޓަރ ދުރުމިނަށް، އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރަށް،" ސިފައިން ބުނެފައިވެ އެވެ.
ދެމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނުތައް ސިފައިން ފަށާފައިވަނީ މި މަހުގެ 18 ގަ އެވެ.
އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް މި ތަމްރީނުތަކުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވާނެ އެވެ.

މީގެ ކުރިން ވެސް ސިފައިން ވަނީ މިފަދަ ތަމްރީނުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެފަދަ ތަމްރީނުތަކެއް އައްޑޫގައި ވެސް މިފަހުން ވަނީ ކުރިއަށްގެންގޮސްފަ އެވެ.












