މި ސަރުކާރަށް ފާޑުކިޔާ މީހުން ހޯދަން ރައީސް އޮފީހުގެ ސެކްރެޓަރީ އޮން ލީގަލް އެފެއާސް އައްބާސް ޝަރީފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އެންގެވި އެންގުމެއް ކަމަށް ތުހުމަތު ކޮށްފައިވާ ވާހަކައަކީ ދެކެވުނު ވާހަކައެއް ނޫން ކަމަށާއި އެފަދަ އެންގުމެއް ރައީސް އަންގަވާފައި ވެސް ނުވާ ކަމަށެވެ.
"އަޅުގަނޑު ބަޔަކާ ހިއްސާކުރި ކަމަށް ބުނާ ވާހަކައަކީ ހަދަހަދައިގެން ދައްކާ ވާހަކައެއް، އެފަދަ އެއްވެސް އެންގުމެއް އެއްވެސް މީހަކަށް އަޅުގަނޑަށް އެނގިގެން އަންގައިފައެއް ނުވޭ،" އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އައްބާސްގެ މައްޗަށް އާންމުންގެ މީހަކު ކޮށްފައި ވަނީ ސަރުކާރަށް ފާޑު ކިޔާ މީހުން ހޯދުމަށް އައްބާސްއަށް ރައީސް އަންގަވާފައިވާ ކަމަށް އައްބާސްގެ ރައްޓެހިން ގާތު އޭނާ ވިދާޅުވެފައިވާ ކަމުގެ ތުހުމަތެވެ.
ނަމަވެސް އައްބާސްގެ ވިދާޅުވީ އޭނާގެ މަސައްކަތާ ގުޅޭ އެއްވެސް ވާހަކައެއް ހާމަކޮށްފައިނުވާނެ ކަމަށެވެ.

"މި ތުހުމަތު އަޅުގަނޑު ކަނޑައެޅިގެން ދޮގުކުރަން، އަޅުގަނޑުގެ މަސައްކަތާ ގުޅޭ ވާހަކައެއް ވެސް އަދި ރައީސްއާ ކުރެވޭ މުއާމަލާތެއްގެ ވާހަކައެއް ވެސް އެއްވެސް މީހަކާ، ރައްޓެއްސަކާ ވެސް ހިއްސާއެއް ނުކުރަން،" އައްބާސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ވެސް ލޯޔަރެއްގެ ގޮތުގައި ވެސް ނަޒާހާތްތެރިވުމަކީ އޭނާ ހިހަފައްޓާ ހަމައެއް ކަމަށެވެ.
އެފަދަ ވާހަކަތެއް ފެންމަތިވެފައި މިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް މިދިޔަ ހުކުރު ދުވަހު ސަރުކާރުން ބްލޮކް ކުރުމާ ގުޅިގެންނެވެ. ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދިޔަ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަށްފަހު ރެޖިސްޓަރީ ކޮށްގެން ހިންގާ ފުރަތަމަ.ކޮމް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ. ނަމަވެސް ޕްރެޝަރު ބޮޑުވުމުން ފުރަތަމަ.ކޮމް ފަހުން އަންބްލޮކް ކުރި އެވެ.
ނޫސްތަކަށް ސަރުކާރުން އެޅި ފިޔަވަޅާ ގުޅިގެން މީޑިއާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ނޫސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.













