އދ. ގެ ގަރާރާ އެއް ގޮތަށް ފަލަސްތީނަށް އެހީ ދެވޭނެ މާހައުލެއް އޮންނާނީ ހަމަލާތައް ހުއްޓުވައިގެން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު؛ އދ. ގެ ގަރާރަށް އަމަލު ކުރުމަށް ފަލަސްތީނަށް ދެމުންދާ ހަމަލާ ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު؛ އދ. ގެ ގަރާރަށް އަމަލު ކުރުމަށް ފަލަސްތީނަށް ދެމުންދާ ހަމަލާ ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިޒްރޭލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާރާ އެއް ގޮތަށް ކުރިއަށް ދެވޭނީ، ހަމަލާތައް ހުއްޓުވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދ. ގެ ސެކުއިރިޓީ ކައުންސިލުން ފާސްކުރި އެ ގަރާރަކީ ރަނގަޅު މިސްރާބަށް އެ ހާލަތު ގެންދިޔުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ މާހައުލެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭން އުންމީދުކުރަނީ އދ. ގެ ގަރާރާ އެއް ގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދީ، ހަމަލާތައް ހުއްޓުވުމަށް ނެގެން އޮތް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް މަގުފައި ކޮށްދިނުމަށް ވެސް ބާރުއަޅާފައިވާ އެ ގަރާރު ފާސްކޮށްފައި ވަނީ ސެކިއުރިޓީ ކައުންސިލުގެ 15 މެންބަރު ގައުމުގެ ތެރެއިން 13 ގައުމުގެ ތާއީދާ އެކު އެވެ. އެ ވޯޓުގައި ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު، އެމެރިކާ އާއި ރަޝިޔާއިން ބައިވެރި ނުވެ އެވެ.

އެންމެ ފުރަތަމަ ގަރާރު ޑްރާފްޓު ކުރިއިރު، ވީހައި ވެސް އަވަހަކަށް ދެމެހެއްޓިނިވި ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި އިބާރާތެއް ހިމަނާފައި އޮތެވެ. އަދި ގާޒާއަށް ފޮނުވާ އިންސާނީ އެހީ ބަލައި ފާސް ކުރުމާއި އެފަދަ ހުރިހާ ބާރެއް އދ. އަށް ދިނުމަށް ވެސް ޑްރާފްޓުގައި ހިމަނާފައި އޮތެވެ. ނަމަވެސް ފަހުން އެ އިބާރާތްތައް ބަދަލު ކުރީ މީގެ ކުރިން އެ އިބާރާތުން ލިޔެ އެ ކައުންސިލުން ފާސް ކުރަން އުޅުނު ގަރާރުތައް ވެސް އެމެރިކާއިން ވީޓޯ ކޮށްފައި ވާތީ އެވެ.

ގަރާރު ފާސްކުރީ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމަށް ހިމަނާފައި އޮތް އިބާރާތް ހަނގުރާމަ ހުއްޓައިލުމަށް މަގުފަހިކޮށްދިނުމަށް ބަދަލުކޮށް ގާޒާއަށް ވައްދާ އެހީގެ މައްޗަށް އިޒްރޭލަށް ބާރު ފޯރުވޭ ގޮތަށް ބަދަލު ކޮށްގެންނެވެ.

ގަރާރުގެ އިބާރާތް ބަދަލު ކުރުމުން ރަޝިޔާއިން ވަނީ ނުރުހުން ފާޅުކޮށް ހަނގުރާމަ ހުއްޓައިލުމަށް އޮތް އިބާރާތް އެ އޮތް ގޮތަށް ބޭއްވުމަށް ގޮވާލައިފަ އެވެ. ރަޝިޔާއިން ބުނީ އެ ގަރާރަކީ އެމެރިކާއިން މެދުހަމަ ކޮށްފައިވާ ގަރާރެއް ކަމަށެވެ. ވޯޓުގައި އެ ގައުމުން ބައިވެރި ނުވީ އެ ސަބަބާ ހުރެ އެވެ.

ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައި ގާޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެ ސިޓީގެ 2.3 މިލިއަން މީހުންގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ ޖުމުލަ އާބާދީގެ 90 އިންސައްތަ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިއްޖެ އެވެ.

ނަމަވެސް އިޒްރޭލުން ގެންދަނީ ހުއްޓުމެއް ނެތި ވައިގެ މަގުންނާއި އެއްގަމު މަގުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ މަސްރަހު ދިރާސާ ކުރާ އދ. ގެ އޮފިޝަލުން ގާޒާގެ ހާލަތު ސިފަކުރަނީ ދުނިޔެ މަތީ ނަރަކައިގެ ގޮތުގަ އެވެ.

ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކެއް ހަމާސް އާއި އިޒްރޭލާ ދެމެދު ނުސީދާކޮށް ކުރަމުންދާއިރު އަދި އަލިމަގެއް ނުފެނެ އެވެ.

ހަމާސްއިން ބުނަނީ ރަހީނުން ބަދަލު ކުރުމަށް ހަނގުރާމަ ވަގުތީ ގޮތުން ހުއްޓައިލުމުގެ މަޝްވަރާއަށް ތައްޔާރު ނަމަވެސް ވާހަކަދައްކަން މޭޒުގައި އިށީންނާނީ ވެސް ހަމަލާތައް ހުއްޓައިލުމުން ކަމަށެވެ. ހަނގުރާމަ މެދުކަނޑައިލުމަށް ތައްޔާރަށް އޮތް ކަމަށް އިޒްރޭލުން ބުނި ނަމަވެސް ހަމާސްގެ ވާހަކަތަކަށް އިޖާބަ ދިނުމުގެ އެއްވެސް ސިގުނަލެއް މިހައިތަނަށް އިޒްރޭލުން ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox