މިދުވަސްވަރު ވިއްސާރަ ކުރަމުން އަންނަނީ އިރުވައި މޫސުމުގެ ކުރީ ކޮޅަށްވާތީ ކަމަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފި އެވެ.
އިރުވައި މޫސުން ފެށުނީ ޑިސެމްބަރު 10، ވަނަ ދުވަހު އެވެ. މިއަދަކީ އިރުވައި މޫސުމުގެ ދެ ވަނަ ނަކަތް ފުރަހަޅައިގެ ފުރަތަމަ ދުވަހެވެ. މި ނަކަތް ނިމެނީ ޖެނުއަރީ ފަސް ވަނަ ދުވަހު އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސް ވަރު އެންމެ ބޮޑަށް ވިއްސާރަ ކުރަނީ މެދު ރާއްޖެ ތެރެއަށް ކަމަށެވެ. ބޯކޮށް ވާރެ ވެހުމަށްވުރެ، ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މޫސުން ލަފާ ކުރާ ވެބްސައިޓް އެކިއުވެދާގައި ވާގޮތުން މުޅި މި ހަފުތާ ވެސް މާލެ ސަރަހައްދަށް ވިއްސާރަ ކުރާނެ އެވެ. މެޓް އޮފީހުން ބުނާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެ އެވެ. އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ކަނޑު ގަދަ ވާނެ ކަމަށައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށެވެ.

އިހު ޒަމާނުން ފެށިގެން ވެސް ފުރަހަޅަ ނަކަތުގައި ވަޔާއި ކަނޑު ގަދަވާނެ ކަމަށް ބުނެ އެވެ. އަދި މި ނަކަތަކީ ރާއްޖޭގެ އުތުރަށް މަސްވެރިކަން ރަނގަޅު ނަކަތެއްގެ ގޮތުގައި ބަލަ އެވެ.













