ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުު ކުރަން ކެބިނެޓުން އިއްޔެ ނިންމި އެވެ.
އެ ނިންމުމާއެކު އަންނަ ރޯދަ މަހު ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭނީ ޖުމުލަ 14 ދުވަހު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރޯދަ މަހެއްގައި ސަރުކާރުގެ ހިންގުން މިގޮތަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ މާޗު 11 ވަނަ ދުވަހު އެވެ. އެއީ ރަސްމީ ބަންދު ދުވަހެކެވެ. ފަހު ދިހަ ފެށޭނީ މާޗު 31 ގަ އެވެ. އެހެންވެ، އެ ދިހަ ދުވަހާއި އީދު ބަންދުގެ ހަތަރު ދުވަހާއެކު ޖުމުލަ 14 ދުވަސް ބަންދުގެ ގޮތުގައި ވިދިވިދިގެން ލިބެ އެވެ. އަދި ހަފުތާ ބަންދުތަކާއެކު އަންނަ ރޯދަ މަހު ޖުމުލަ 21 ދުވަސް ބަންދުގެ ގޮތުގައި ގުނެ އެވެ.
ރޯދަ މަހު ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ. އެއީ ޖުމުލަ ހަތަރު ގަޑީއިރެވެ. އެހެންވެ، ސަރުކާރުން ގެނައި ބަދަލާއެކު އަންނަ ރޯދަ މަހު ރަސްމީކޮށް މަސައްކަތް ކުރަން ޖެހޭނެ ޖުމުލަ 56 ގަޑީއިރެވެ. އެއީ އާންމު މަސްތަކުގެ، ދުވަހުގެ މަސައްކަތު ވަގުތަށް ބަލާނަމަ ޖުމުލަ އަށް ދުވަހެވެ. އާންމު މަސްތަކުގައި ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނަނީ ދުވާލަކު ހަތް ގަޑިއިރެވެ.
ފަހު ދިހައިގެ ބޮޑު ބަންދާއި، އީދު ޗުއްޓީއަށް ފަހު އޮފީސްތައް އަލުން ހުޅުވާނީ އޭޕްރީލް 14 ގަ އެވެ.

އިއްޔެގެ ކެބިނެޓު ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ ފަހު ދިހައިިގައި އޮފީސްތައް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމަށް ކަމަށެވެ. ދީނީ ކަންކަމަށް އިސްކަންދޭން ރައްޔިތުންނަށް ފުރުސަތު ދިނުމަކީ ވެސް އެގޮތަށް ނިންމެވުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ތާރީހާ އެއްކޮށް، އެ ވައުދުގެ ހަނދާން އާކުރައްވަމުން ޝަހީބް ވިދާޅުވީ ސަރުކާރުގެ ހަފްތާ 14 ގައި ފުއްދަވަން ވެވަޑައިގެންނެވި ކަންތައްތައް ރަނުން ރަނަށް ފުއްދަމުން އަންނަ ކަމަށެވެ.












