މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ "އެމްޕްލޯއީ ސްޓާ އެވޯޑްސް" 20 މުވައްޒަފަކަށް ދީފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ މުވައްޒަފުންނަށް އެވޯޑް ދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އެވެ.
ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑް ހާސިލްކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުންނެވެ. އަދި ތައުލީމާއި، ކުޅިވަރުގެ އިތުރުން އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް މި އެވޯޑް ދެ އެވެ.
ބީއެމްއެލްގެ އެމްޑީ، ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުން ގަވާއިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް ކަމަށެވެ.
"އެމްޕްލޯއީ ސްޓާ އެވޯޑްސް އާއެކު ބޭންކުގެ ކަސްޓަމަރުންނާއި، ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން ކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓާ އެވޯޑްސް ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.
މި އެވޯޑްގެ އިތުރުން، ބޭންކުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސާވިސް އެވޯޑްސް' ވެސް ބޭންކުން އަންނަނީ ބާއްވަމުންނެވެ.












