ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ގައިސް ވަކިކޮށްފި އެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި ގައިސް މަގާމުން ވަކި ކުރީ އިއްޔެ އެވެ. އޭނާ ވަކި ކުރީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ގައިސް އައްޔަނު ކުރީ މެއި 19، 2019، ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.
ގައިސް މަގާމުން ވަކި ކުރުމުން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބަވާނީ ހަ ބޭފުޅުންނެވެ. އެއީ ކުންފުނީގެ ޗެއާމަން އާމިރު މަންސޫރާއި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޝިމާދް އިބްރާހިމް އާއި މުހައްމަދު ނިޒާމް އާއި އިސްމާއިލް ޒުމައިލް ރަޝީދާއި މުހައްމަދު މުރާދް އާއި މުހައްމަދު އަހުސަން ސަލީމެވެ.
އެސްޓީއޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެވެ. ސަރުކާރުން އެސްޓީއޯ އުފެއްދީ 1964 ވަނަ އަހަރެވެ. އެއިރު ކުންފުނި ހިންގަމުން އައީ އަތިރީމާފަންނު ޓްރޭޑިން އެކައުންޓުގެ ނަމުގަ އެވެ. އެސްޓީއޯއަށް ބަދަލުކޮށް ހިންގަން ފެށީ 1979 ވަނަ އަހަރެވެ.












