މިހާތަނަށް ބެލިބެލުމުން ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށާއި އެ މީހުން ތިބި އަދަދު އަދިވެސް ސާފުކޮށް ބުނަން ނޭނގޭނީ ލިޔެކިޔުންތަކުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު ހަފުތާ ފާއިތުވެގެންދާއިރު އެމަނިކުފާނުގެ އެންމެ މުހިންމު ވައުދު ކަމަށްވާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުން އެކަށީެގންވާ މައުލޫމާތުތަކެއް މިހާތަނަށް އާންމުކޮށްފައި ނުވެ އެވެ.
އެގޮތުން, އިންޑިއާ ސިފައިން ތިބި އަދަދުތަކާ ގުޅޭގޮތުން ވެސް ކަށަވަރުވާ މައުލޫމާތުތަކެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕޮލިސީ އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ މިއަދާ ހަމައަށް 89 ސިފައިން ތިބި ކަމަށް ޔަގީންކުރެވިފައިވާ ކަމަށް ހާމަކުރައްވާފަ އެވެ. މި އަދަދު ރައީސް ވެސް ކުރިން ހާމަކުރެއްވި އެވެ. އެ ދުވަހު ވެސް ވިދާޅުވީ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.
"ލިޔެކިޔުންތަކުގައި މިކަހަލަ އިންކޮންސިސްޓެންސީސް އުޅުމުގެ ނަތީޖާއެއްގެ ގޮތުން އެކަން ދެނެގަތުމަށް ވަގުތު ހޭދަވެގެން ދާނެ. ވަގުތު ހޭދަވެގެންދިޔުމަކީ ކަންބޮޑުވުން ހުންނާނެ ކަމަށް," ފިރުޒުލް މިއަދު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިއުލާނުކުރީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށެވެ. އޭގެ ފަހުން އިންޑިއާގެ އިސް އޮފިޝަލަކު ވަނީ އެ އަދަދުގެ ތެރޭގައި ސެނަހިޔާގައި ތިއްބަވާ މިލިޓަރީ ޑޮކްޓަރުން ނުހިމެނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެ ނުވަ ޑޮކްޓަރުން ހިމެނުމުން އަދަދު އަރަނީ 86 އަށެވެ.
މިއަދު ސަރުކާރުން ޔަގީންކޮށްދިން އަދަދާ އެކު ތިން ސިފައިން ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ވަނީ އިންޑިއާގެ އާތު ސައިންސެސް މިނިސްޓަރު، ކިރެން ރިޖިޖޫގެ އަރިހުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ބޭލުމަށް އެދިފަ އެވެ.
އަދި ކޮޕް-28 ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމުގައި، އިންޑިއާ އިން އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް, އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރިމަތިވުމުން ރައީސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އިންޑިއާގެ ނޫސްތަކުން، އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުން މިހާތަނަށް ދެ ގައުމުން މިފަދަ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.












