ދަރިމައިވުމުގެ ފަރުވާ އާއި މެޑިކަލް ޗެކަޕް އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން އާސަންދަ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.
މިކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާއިން ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން، ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފުތާ 14"ގައި ކުރަން ކަނޑައަޅާފައިވާ ކަމެކެވެ.
އާސަންދަ ގަވާއިދަށް ގެނައި ބަދަލުުގައިވާ ގޮތުން ސްކީމުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ (އިންފާޓިލިޓީ)އާ ގުޅޭ ހިދުމަތްތައް އާންމުކޮށް ޝާއިއުކުރާ އުސޫލެއްގެ ދަށުން ފޯރުކޮށްދެވޭނެ އެވެ.
ހަމައެހެންމެ އާސަންދަ ސްކީމްގެ ތެރެއިން ނުލިބޭނެ ކަމަށް ކަމަށް ކަނޑައަޅާފައިވާ ހިދުމަތްތައް ނޫން އެހެން ހުރިހާ ހިދުމަތެއް އުސޫލެއްގެ ތެރެއިން ފޯރުކޮށްދެވިދާނެ ކަމަށް ވެސް އުސޫލަށް ގެނައި އިސްލާހުގައި ވެ އެވެ.
ދަރިމައިވުމުގެ ފަރުވާއަކީ ކުރިން އާސަންދަ ސްކީމުގެ ތެރެއިން ނުުލިބޭނެ ކަަމަށް ބަޔާންކޮށްފައިވާ ފަރުވާއެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން, ހިދުމަތް ލިބެންހުރި އަދި އާސަންދަ ސްކީމުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުން ވެސް ދަރިމައިވުމުގެ ފަރުވާގެ ކަންކަން ކުރެވޭނެ އެވެ. ރާއްޖޭގައި ދަރިމައިވުމަށް ހާއްސަ އައިވީއެފް ފަރުވާ ދެވޭ ހަމައެކަނި ތަނަކީ ޓްރީޓޮޕް ހޮސްޕިޓަލެވެ.
ދަރިމައިވުމުގެ ފަރުވާއަށް މިއަދުން ފެށިގެން އާސަންދަ ލިބޭނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، އަންނަ ހަފުތާއިން ފެށިގެން މެޑިކަލް ޗެކަޕް ހެދޭނެ ކަަމަށް ވެސް އެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެފައި ވެ އެވެ.













