ސްޕައިކެމެރާއެއް ހަރުކޮށްގެން ޖާސޫސްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހައްޔަރުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ދިރާސާކުރަން ނިންމައިފި އެވެ.
މި މައްސަލަ ވަނީ މިއަދު 10:00 ގައި ތާވަލުކޮށްފައިވާ 241 ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފަ އެވެ. އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންގެ އަތުން ފުލުހުން ވަނީ ސްޕައިކެމެރާގެ އިތުރުން ޖާސޫސީ އެހެން ވަސީލަތްތައް ވެސް އަތުލައިގެންފަ އެވެ.
ހައްޔަރުކުރި ދެ މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ މޯޑް އޮވައިސް، 26، އަދި ގޮގްޑާ ހާރޫން، 41، އެވެ.
މިދިޔަ އަހަރު އޮގަސްޓު 29 ގައި މި ދެމީހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 10 ދުވަސް ޖެހި އެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން އެ ދެމީހުން ސެޕްޓެމްބަރު ނުވައެއް ގައި އެ ދެމީހުން ވަނީ ފުރުވާލާފަ އެވެ. ފުލުހުން އޭރު ބުނީ އެ ދެ މީހުން ފުރުވާލީ ޖިނާއީ ތުހުމަތެއް އުފުލޭ ވަރުގެ ހެކި ގަރީނާ ހޯދިފައި ނުވާތީ ކަމަށެވެ.
އެ ދެމީހުން ފުރުވާލި މައްސަލާގައި އޭރުގެ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އޭރު އެ މައްސަލަ ހުށަހެޅީ މިހާރު އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އޭރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ. އޭނާ ހުށަހެޅި މައްސަލާގައި ފުލުހުން އަދި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރެއްވި އެވެ.

އެގޮތުން, މައްސަލާގެ ރިޕޯޓު ބަދަލު ކުރުމާއި އެ ހާދިސާއަށް ފަހު ވީއައިއޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ނުކުރާ ކަަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް, އެމްޑީޕީގެ މެޖޯރިޓީން އެ މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.












