އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުالله (އަދުރޭ) ހާމަކުރައްވައިފި އެވެ.
"2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހުލާސްތެރިކަމާާއެކު އެދެމެވެ," އެކަން ހާމަކުރައްވަމުން އަދުރޭ މިއަދު ވިދާޅުވެފައިވެ އެވެ.
ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަދުރޭ ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން ފޮނަދޫ ދާއިރާގެ ގޮނޑި މަޖިލީހުގައި ފުރުައްވާފަ އެވެ.
އެންމެ ފުރަތަމަ 2009 ވަނަ އަހަރު އޭނާ އެ ގޮނޑިއަށް އިންތިހާބުވީ ކުރީގެ ރައީސް އަބްދުالله ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ޓިކެޓުގަ އެވެ. އަދި, 2014 ގައި އޭނާ އެ ގޮނޑިއަށް އިންތިހާބުވީ އޭރު ވެރިކަމުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއެކު އެވެ.
އޭނާއަށް އެ ގޮނޑި ގެއްލުނީ އެމްޑީޕީގެ ފަރާތުން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ މިހާރުގެ މެމްބަރު، މޫސާ ސިރާޖު އެ ގޮނޑިއަށް ވާދަ ކުރައްވައި ކުރި ހޯއްދެވުމުންނެވެ. ސިރާޖު ވެސް ވަނީ އެމްޑީޕީ ދޫކޮށް މިފަހުން ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.

މިއީ އަދުރޭގެ އެންމެ ގާތް ސިޔާސީ މިތުރު ކަމަށްވާ ޔާމީން ނެތިވެ އޭނާ ވާދަކުރާނެ ފުރަތަމަ މަޖިލިސް އިންތިހާބެވެ. ޔާމީން ޕީޕީއެމް/ޕީއެންސީ ދޫކުރައްވައި ވަޑައިގެންފައިވާއިރު އެމަނިކުފާނު ގެންދަވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.











