ސާޖިދާއާއެކު ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދުމަށް، ގަޑިއިރަކަށް 75 ރުފިޔާ

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދުމަށް ގަޑިއިރަކަށް 75 ރުފިޔާއަށް މަސައްކަތް ކުރުމަށް، ގިނަ ވެގެން ލިބޭނީ 3000 ރުފިޔާ - ފޮޓޯ: ރައީސް އޮފީސް

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދުމަށް ގަޑިއިރަކަށް 75 ރުފިޔާއަށް މަސައްކަތް ކުރުމަށް، ގިނަ ވެގެން ލިބޭނީ 3000 ރުފިޔާ - ފޮޓޯ: ރައީސް އޮފީސް

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއެކު ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދުމަށް ކަމަށާއި އެއީ ގަޑިއިރަކަށް 75ރ. ގެ ރޭޓުން ކަމަށް ކޮމިޝަނުން ބުނެފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ, އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ހާޒިރުކުރި އެވެ.

ސާޖިދާގެ ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެވަޑައިގަތުމާއެކު ފަސްޓް ލޭޑީގެ ޒިންމާތަކާއެކު ސިވިލް ސާވިސްގެ ވަޒީފާ އަދާކުރަން ބޭނުންވާ ކަމަށް ސާޖިދާ ހެލްތު މިނިސްޓްރީއަށް ރިކުއެސްޓް ކުރިކަމަށް ސީއެސްސީގެ މެމްބަރުން ކޮމީޓީގައި ބުންޏެވެ. އެ ކަމަށް އެދި ސީއެސްސީއަށް ހުށަހެޅީ ހެލްތު މިނިސްޓްރީން ކަމަށް ސީއެސްސީގެ މެމްބަރުން ކޮމެޓީގައި ބުނެފައިވެ އެވެ.

ސާޖިދާ އަކީ ގިނަ ދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާ ހުރުމާއެކު ސާޖިދާގެ އެހީތެރިކަމާއި ފަންނީ ލަފާ ހެލްތު މިނިސްޓްރީން ވެސް ބޭނުންވާ ކަމަށް މިނިސްޓްރީން ސީއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވި އެވެ.

އެހެންނަމަވެސް, ސާޖިދާއަށް ހާއްސަކޮށް، ވަކި އުސޫލެއް ތައާރަފް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ކޮމިޓީގައި މެމްބަރުން ދޮގުކުރެއްވި އެވެ.

ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ގާނޫނުގައި އޮތް ގޮތުން ސީއެސްސީގެ ވަޒީފާއިން ވަކިވަނީ ރައީސަކު އައްޔަން ކުރާ ފަރާތްތައް އެކަނި ކަމަށާއި އޭގައި ފަސްޓް ލޭޑީ ނުހިމެނޭ ކަމަށެވެ. އެހެންކަމުން، ވަޒީފާއިން ފަސްޓް ލޭޑީ ވަކިވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން އެ ފުރުސަތު ސާޖިދާއަށް ފަހިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ރައީސްގެ އަނބިކަނބަލުންނަށް ވީތީ ވަޒީފާއިން ވަކިވާނެ ކަމަށް ގާނޫނަކު ނެތް، އިތުރު ގޮތެއް ނިންމޭނީ ގާނޫނަށް ބަދަލު ގެނެސްގެން، ފަސްޓް ލޭޑީއަށް ވީތީ ވަކިން "ހާއްސަ އުސޫލެއް" ނުވަތަ އިތުރު އުސޫލެއް ހަދާފައި ނެތް، މީ މިހާރު ވެސް ގެޒެޓުގައި އާންމު ކުރެވިގެން މިހާރު ވެސް ހިނގަމުންދާ ކަންކަން،" ސީއެސްސީގެ ނައިބު ރައީސް ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވާ ވަޒީފާ އަދާ ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް ފަސްޓް ލޭޑީގެ ޒިންމާތަކާއެކު ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށް ދަތި ވާތީ، ލުއިތަކެއް ދެވިދާނެތޯ އެދުމުން، 2014 ވަނަ އަހަރު އެކުލަވާލި ސީއެސްސީގެ ގަވާއިދުގެ ތެރެއިން އެކަން ކޮށްދެވޭތޯ ބެލި ކަމަށް ނާސިހު ވިދާޅުވި އެވެ.

"ގަވާއިދަކުން ތަން ނުދޭ ދާއިމީ ވަޒީފާއަކުން ލުއި ދޭކަށް އެހެންނަމަވެސް، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ތަން ދޭ، އަދި ފަސް އަހަރު ދުވަހަށް ނޯ ޕޭ އަށް ދިޔުމަށް ވެސް ގާނޫނުން ތަނެއް ނުދޭ، އެންމެ ގިނަވެގެން ދެވެނީ ހަތަރު އަހަރަށް، އެހެންވީމަ ސީއެސްސީގެ ގަވާއިދުގެ ދަށުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންވާ ކަންކަން ވޭޖް އެމްޕްލޯއީމަންޓްގެ ދަށުން ސާޖިދާއަށް ކޮށްދެވޭނެ،" ނާސިހު ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ ވަޒީފާގެ މުސާރަ ނަގަން ބޭނުން ނުވާ ކަމަށް ސާޖިދާ ދެންނެވިކަން ފާހަގަކުރައްވައި ނާސިހު ވިދާޅުވީ، އުޖޫރައަކާ ނުލައި އެއްވެސް މީހެއް ލައްވައި މަސައްކަތް ކުރުމަށް ސީއެސްސީ ގަވާއިދު ތަން ނުދޭ ކަމަށެވެ. އެހެންކަމުން ސާޖިދާއަށް ކޮންމެވެސް އުޖޫރައެއް ހަމަޖައްސަން ލާޒިމްވި ކަމަށް ނާސިހު ވިދާޅުވި އެވެ.

"މިނިސްޓްރީން އެކަމަށް އެދުމުން މި މަހުގެ ހަތް ވަނަ ދުވަހު ވޭޖް އެމްޕްލޯއީމަންޓް ކޮންޓްރެކްޓް ގައި ސޮއިކުރީ ހަތަރު އަހަރަށް ނޯ ޕޭ އަށް ދިޔުމަށް، އަދި ފަންނީ ލަފާ ހޯދަން ބޭނުންވާ ގޮތަށާއި މުވައްޒަފުން ތަމްރީން ކުރުމާއި ގަވާއިދު ހެދުމަށް ލަފާ ހޯދުމަށް އޭގައި ހިމެނީ، ކޮންމެ މަހަކު ވެސް އެންމެ ގިނަ ވެގެން 48 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއިރަކަށް 75 ރުފިޔާގެ މަގުން، އެހެންވީމަ، އެންމެ ގިނަ ވެގެން ވެސް މަހަކު ލިބޭނީ 3،000 ރުފިޔާ،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ މި އުސޫލު ހަމަޖައްސައި ދިނީ ސާޖިދާ އަކީ ފަސްޓް ލޭޑީއަށް ވުމުން ނޫން ކަމަށެވެ. މި އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން ތިބި ކަމަށް ނާސިހު ވިދާޅުވި އެވެ. އެގޮތުން, މަސައްކަތް ކުރަމުން ދިޔަ ދާއިމީ ވަޒީފާއިން ވީއްލުމަށް ފަހު އެހެން ޕްރޮޖެކްޓްއެއްގަ މަސައްކަތްކުރުމަށް މުވައްޒަފުން މި ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ނާސިހު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގައި ވެސް 2018 އިން ފެށިގެން ފަސް މުވައްޒަފަކު މި އުސޫލުން މަސައްކަތް ކުރަމުންދާ ކަމަށް ނާސިހު ވިދާޅުވި އެވެ. އަދި މިހާރު ވެސް، އެންވަޔަރަމަންޓް މިނިސްޓްރީގައި ދެ މުވައްޒަފުން، ހައުސިން މިނިސްޓްރީގައި ތިން މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބޭނެ އެވެ. އެހެންކަމުން ސާޖިދާއަށް 33،330ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ސާޖިދާ ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާފަ އެވެ. އޭނާ ކެމްޕެއިންގައި ހަރަކާތްތެރިވީ ނޯ ޕޭ ލީވް ނަންގަވައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox