އިއްޔެ ފާހަގަކުރި އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައި ރާއްޖޭގެ ޖަމްއިއްޔާތަކުން ނެރުނު ނޫސްބަޔާނުގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް، އެ ޖަމިއްޔާތަކުން ފަލަސްތީނަށް ކުރާ ތާއީދު ތަކުރާރުކޮށްފި އެވެ.
އިއްޔެ ނެރުނު ނޫސްބަޔާނަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް، އުތެމަ، ހޯޕް ފޯ ވިމެން، އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް، ރައިޒް އަޕް މޯލްޑިވްސް، އަދި ޒީރޯ ވޭސްޓު މޯލްޑިވްސް ގުޅިގެން ނެރެފައިވާ ބަޔާނެކެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ކަށަަވަރުނުކޮށް، މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ތީމު ކަމަށްވާ 'މިނިވަންކަން، ހަމަހަމަކަމާއި އިންސާފުވެރިކަން އެންމެނަށް' ހާސިލުކުރުމަކީ ނުވާނެ ކަމެއް" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން, ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ފާއިތުވެދިޔަ 75 އަހަރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމަށް އަލިއަޅުވާލާފައިވެ އެވެ.
އެގޮތުން, މިހާރު ދެމުންދާ ހަމަލާތަކުގައި އާންމުންގެ ގެތަކާއި، ރެފިއުކީ ކޭމްޕުތަކާއި، މިސްކިތްތަކާއި ފައްޅިތަކަށް ހަމަލާދިނުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ރާއްޖޭގެ ސަރުކާރާ ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެކި ކަންކަމަށް ވަނީ އެދިފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ
- އިޒްރޭލުން އެޕާތޭ (އެއް ނަސްލެއްގެ މީހުންގެ ބާކީކޮށް ހިދުމަތްތަކުން ބަރީއަކުރުން) ހިންގާކަން ބަލައިގަތުން
- ގަތުލުއާންމު ހިންގުމުގެ ހައްގު އަދަބު އިޒްރޭލަށް ދިނުން
- ފަލަސްތީނުގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން ދީ، އަމިއްލަ ބިންތައް އަނބުރާ ލިބެންދެން އދ. އިން އިޒްރޭލު ސަސްޕެންޑު ކުރުން
- އިންސާނިއްޔަތާ ދެކޮޅަށް ކުރަމުންދާ ކަންކަން ބައިނަލްއަގުވާމީ ޖަސްޓިސް ކޯޓުގައި ބެލުން
މިއަަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް އައި އިރު، އިންސާނީ ހައްގުތަކުގެ ދާއިރާއިން ދުނިޔެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމެވެ. ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން މެދުނުކެނޑި ބޮންއަޅާތާ ދެ މަހަށް ވުރެ ގިނަ ވި އިރު އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 17،000 އަށް ވުރެ މައްޗެވެ.
ގޮތެއް ފޮތެއް ނުބަލައި އާއްމުންގެ ގެތަކަށާއި ސްކޫލްތަކަށާއި މިސްކިތްތަކަށް ބޮން އެޅުމުގެ އިތުރުން މީހުން ތިބި ހިޔާވަހިތަކުން ނެރެ، އެތައް ސަތޭކަ ބަޔަކު އެއްފަހަރާ މަރައިލުން ފަދަ އެތައް ޖަރީމާއެއް އިޒްރޭލުން ގެންދަނީ ހިންގަމުންނެވެ.
އެހެން ނަމަވެސް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ މެސެޖްގައި ފަލަސްތީނު މީހުންގެ ނަން ވެސް ނުގަނެ އެވެ.












