ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމަޔަށް ޓެކްސީތަކުގައި ވަދެވޭ ގޮތަށް ހަދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފި އެވެ.
މިބަދަލު ގެންނަން ނިންމާފައިވަނީ މާދަމައިން ފެށިގެންނެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް މާދަމާ ވީއައިއޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ ކުރިން އެއާޕޯޓަށް ދާ ޓެކްސީތައް މަޑުކުރަނީ އިންޓަނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. ވީއައިއޭގެ ޓްރެފިކް ފްލޯއަށް ގެންނަ އެ ބަދަލާއެކު ދެން ޑޮމެސްޓިކް ޓާމިނަލާ ހަމަޔަށް ޓެކްސީތަކުން ޕަސިންޖަރުން ޑްރޮޕް ކޮށްލެވޭނެ އެވެ.
ނަމަވެސް އެއާޕޯޓުން މާލެ ނުވަތަ ހުޅުމާލެ ދާން ޓެކްސީއެއް ނަގާނަމަ ދާންޖެހޭނީ މިހާރު ވެސް އޮންނަ ގޮތަށް އިންޓަނޭޝަނަލް ޓާމިނަލް ކައިރިން އެކަމަށް ހާއްސަ ކޮށްފައިވާ "ޕިކްއަޕް" ޕޮއިންޓަށެވެ.
ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލް އިން މިހާރުވެސް އަންނަނީ އެއާޕޯޓު ބޭނުންކުރާ ޕަސިންޖަރުންނަށް ފަސޭހަކަމާއެކު އެއާޕޯޓު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން އެމްއޭސީއެލް އިން ދާދިފަހުން ވަނީ ވީއައިއޭގެ އެއިރޮނޮޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުންކުރަން ފަށާފަ އެވެ.

އޭގެ އިތުރުން، ވީއައިއޭގައި އޮޓޯ ބެގޭޖް ސްކްރީނިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. އެ ސިސްޓަމުގެ ސަބަބުން މެނުއަލްކޮށް ބެގޭޖް ހޭންޑްލްކޮށް ސްކްރީން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލެވޭނެ ކަމަށާއި ސިސްޓަމް ބޭނުންކުރަން ފެށުމުން އިންޓަނޭޝަނަލް ޑިޕާޗާ ގޭޓުކުރިމަތީގައި ގިނައިރުވަންދެން ކިއު ހަދައިގެން ތިބުން ނިމުމަކަށް އަންނާނެ ކަމަށް އެމްއޭސީއެލް އިން ވަބީ ބުނެފަ އެވެ.












