ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ކޮންމެ ފްލެޓު ވެރިޔަކު 200،000ރ. ހަރަދުކޮށްފައިވާނެ ކަމަށް ކަނޑައަޅައި، ފްލެޓްތަކުގެ އަގުން އެ މިންވަރު އުނިކުރުމަށް މަހު ކުލި ކުޑަކުރިޔަސް، މެއިންޓަނަންސް ފީ މިހާރެކޭ އެއްގޮތަށް ދައްކަންޖެހޭނެ އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ކުޑަކުރީ ކުލި ކަމަށާއި އެ ބަދަލުގެ ތެރޭގައި މެއިންޓަނަންސް ފީ ނުހިމެނޭ ކަމަށެވެ.
އެހެންވެ، ކޮންމެ ހިޔާ ފްލެޓަކުން މެއިންޓަނަންސް ފީގެ ގޮތުގައި މިހާރު ވެސް ދައްކާ 1،000ރ ދައްކަމުން ދާންޖެހޭނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ސެޕްޓެމްބަރު 13 ގައި އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ފްލެޓުތައް ނިންމުމަށް ހަރަދުވި ފައިސާގެ އެވްރެޖު އަގެއްގެ ގޮތުގައި 200،000ރ. ދިނުމަށެވެ. އެއީ 7،620 ފްލެޓަށް ހިސާބުކުރާ ނަމަ 1.34 ބިލިއަން ރުފިޔާގެ ވައުދެކެވެ.
އެ ވައުދު ފުއްދަން ގަނޑުކޮށް ފައިސާ ދިނުމުގެ ބަދަލުގައި ކުއްޔަށް ގެނައި ބަދަލާއެކު ހަތް އަހަރު ވަންދެން ދައްކަން ޖެހޭނީ 3،984.21ރ އެވެ. މެއިންޓެނެންސް ފީ ހިމަނައިގެން މަހަކު ދައްކަން ޖެހޭނީ 4984.21ރ. އެވެ.

މިހާރު މެއިންޓެންސް ފީއާއެކު ދައްކަނީ 6300ރ. އެވެ.
ހިޔާ ފްލެޓުގެ ކުއްޔަށް މި ގެނައި ބަދަލާއެކު މަހަކަށް 1315.79ރ. ގެ ލުޔެއް ލިބެ އެވެ. އަހަރަކަށް ބަލާނަމަ 15،789.48ރ. އެވެ. އަދި ހަތް އަހަރަށް 110،526.36ރ. އެވެ. އެހެންވެ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި 200،000ރ. ލުޔެއް ނުލިބެ އެވެ.












