ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން، ރަށު ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ރަށްތަކާއި ފަޅުތައް ކައުންސިލުތަކާ ހަވާލުކުރެވޭނެ އުސޫލެއް ތައާރަފުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން، އާބާދުވެފައިވާ ކޮންމެ ރަށެއްގެ ރާޅު ޖަހާ ފަށުން ފެށިގެން 700 މީޓަރާ ހަމައަށް ހުންނަ ތަންތަން އެ ރަށެއްގެ ރަށު ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނެ އެވެ. މިއީ ކައުންސިލުތަކަށް އާމްދަނީ ހޯދޭނެ މަގުފަހި ކޮށްދިިނުމުގެ މަގުސަދުގައި، އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، ކުރީ ސަރުކާރުން ފަހިކޮށްދިން ކަމެކެވެ.
މިކަން އިއުލާން ކުރައްވަމުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގާނޫނުގައި އެހެން އޮތް ނަމަވެސް ރަށު ކައުންސިލުގެ އިހުތިސާސް ހިނގާ އިމުގެ ތެރޭގައި ހުންނަ ބައެއް ތަންތަނުގެ އެންމެ އެކަށީގެންވާ ބޭނުން ނުކުރެވޭ ކަމަށެވެ.
"އިހުތިސާސްގެ ތެރޭގައި ނުވަތަ އެ ބައުންޑަރީގެ ތެރެއަށް ވަންނަ ބައެއް ރަށްތައް މިހާރު ވެސް ހުރޭ އެކި ބޭނުންތަކަށް ދޫކޮށްފަ. އެހެން ނަމަވެސް އެ ދޫކޮށްފަ ހުންނަ ބޭނުމަކަށް އެ ރަށެއް ބޭނުމެއް ނުއެއް ކުރެވޭ. އޭގެސަބަބުން ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ވެސް ކުރޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ދެން މިހެން ހުރި ރަށްތައް ވެސް އެބަހުރޭ. އަދި ދޫނުކޮށް ހުރި ރަށްތައް ވެސް އެބަހުރޭ އަދި އެ ނޫން އެ ބައުންޑަރީއަށް ވުރެ ދުރުގަ ހުންނަ ފަޅުފަޅާއި ރަށްރަށް ވެސް އެބަހުރޭ، އެ ރަށްރަށުގެ ކައުންސިލުތަކަށް އޭގެނެ ފައިދާ ވާނެ ކަހަލަ މަޝްރޫއުތަކެއް ލިބިދާނެ ކަހަލަ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގުސަދަކީ މިހެން ހުރި ތަންތަނުގެ އެންމެ އެކަށީގެންވާ މަންފާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކޮށްދިނުމެވެ. މިކަމަށްޓަކައި ފުރިހަމަވާން ޖެހެނީ ދެ ހަމައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުރަތަމަ ހަމައަކީ ސަރުކާރުގެ ގައުމީ ތަރައްގީގެ ތަސައްވުރާ ފައްތަރުވުމެވެ. ދެވަނަ ހަމައަކީ ރަށު ކައުންސިލުން އެ ހޯދަން ބޭނުންވާ ރަށެއް ނުވަތަ ފަޅެއް ނިސްބަތްވާ އަތޮޅުގައި ހުންނަ އެހެން ހުރިހާ ރަށްރަށުގެ ރުހުން ލިބުމެވެ. މި ދެ ހަމަ ފުރިހަމަވާ ކަމުގައި ވަނީ ނަމަ، ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ އިމުން ބޭރުގައި ހުރި ތަންތަނަށް އެދި ހުށަހެޅޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކައުންސިލުތަކުގެ އިހުތިސާސްގައި ރަށެއް ހިމަނަން އެދި ރަށު ކައުންސިލުން ޕްރޮޕޯސަލެއް ހުށަހަޅަން ޖެހެ އެވެ. މި ޕްރޮޕޯސަލް ސަރުކާރަށް ގަބޫލުކުރެވި، އެހެން ރަށްތަކުގެ ތާއީދު ލިބިއްޖެ ކަމުގައި ވަނީ ނަމަ ވަކި އެގްރީމަންޓެއް ހަދައިގެން ރަށްތައް ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އުއްމީދަކީ މީގެ ސަބަބުން ކައުންސިލުތަކުގެ އާމްދަނީ އިތުރުވެ، ރައްޔިތުންނަށް ވަޒީފާގެ ނަފާ އާއި މަންފާ ލިބި ބާރުވެރިވުން ކަމަށެވެ.













