މިދިޔަ ސަރުކާރުގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވީނަމަވެސް ބައެއް އިދާރާތަކުން އަމަލު ކުރަމުން ދާގޮތުން ހައިސިއްޔަތު އޮޅުން އަރާތީ، ތިނަދޫގެ ސިޓީ ދަރަޖަ ގާނޫނީ ގޮތުން ކަށަވަރު ކޮށްދިނުމަށް އެދި އެ ކައުންސިލުގެ މެންބަރުން މަޖިލީހަށް ހުށަހަޅައިފި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ އަހަރުގެ އޯގަސްޓު 30 ގައި އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މަޖިލީހަށް ތިނަދޫ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައިގައި މިއަދު މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ވަނީ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
ތިނަދޫ ސިޓީގެ މޭޔަރު (ސިޓީއަކަށް ބަދަލުވުމުގެ ކުރިން ކައުންސިލު ރައީސް) ސައުދު އަލީ ކޮމެޓީގައި ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވި ނަމަވެސް ބައެއް އިދާރާތަކުން އެ ކައުންސިލާ މެދު އަމަލު ކުރަމުން ދަނީ 200 މީހުން ހަމަނުވާ ރަށެއްގެ ކައުންސިލާ މެދު އަމަލު ކުރާ ގޮތަށް ކަމަށެވެ.
"ސައިކޮލޮޖިކަލީ ބަލާ ކަމުގައިވަނީ ނަމަވެސް އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކެއް އެބަހުރި، އެއީ އެކި އިދާރާތަކުން އަޅުގަނޑުމެންނަށް ސިޓީ އެޑުރެސް ކުރަައްވަނީ އެކި ގޮތްގޮތަށް،" ބައެއް އިދާރާތަކުން އަދިވެސް ރަށު ކައުންސިލުގެ ރައީސްއަށް އެޑުރެސްކޮށް ސިޓީ ފޮނުވާކަން ފާހަގަ ކުރައްވައި ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވުމާއެކު ގާނޫނު މާނަ ކުރުމުގައި ދިމާވެފައިވާ އުނދަގުލާ ހެދި އެއްވެސް ތަނަކަށް ފޮނުވާ ސިޓީއެއްގައި އަމިއްލަ ހައިސިއްޔަތު ވެސް ބަޔާން ނުކުރާ ކަަމަށެވެ. ނަމަވެސް ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އިންތިހާބުވެފައި އެ އޮންނަ ކައުންސިލަކުން، ސިޓީ ކައުންސިލަކުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ސިޓީ ކައުންސިލެއްގެ ވެރިއެއްގެ ގޮތުގައި ހުންނަނީ ރައީސްއެއް ނޫންކަން ސައުދު ފާހަގަ ކުރެއްވި އެވެ.

"ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައި އޮތްއޮތުން ފުރިހަމަ މާނައިގައި ބަދަލު ކުރެވިގެން ދާނީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މަސްއޫލިއްޔަތާ އެއް ވަރަށް މަސްއޫލިއްޔަތު އަދާ ކުރަން ތިބި ފަރާތްތަކުގެ ވެސް ހައިސިއްޔަތު ބަދަލުވެގެން ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ސައުދު ވިދާޅުވި އެވެ.
ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ، ދައުރު ނިމެންދެން އެ ސިޓީ ހިންގަމުން ގެންދަންޖެހޭނީ އިންތިހާބުވެފައި އޮންނަ ރަށު ކައުންސިލުން ކަމަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ. އެހެންކަމުން ތިނަދޫ ސިޓީއަކަށް ބަދަލުވުމުން ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދާނީ މިހާރުވެސް ކައުންސިލު މެންބަރުންގެ ގޮތުގައި އިންތިހާބުވެފައި ތިބި މެންބަރުންނެވެ. އެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން ކައުންސިލް ރައީސްއަކީ މިހާރު އެ ސިޓީގެ މޭޔަރެވެ.
އެ ކޮމެޓީގައި ވާހަކަދައްކަވަމުން، ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސެއިން ވިދާޅުވީ އެ ގާނޫނަކީ އެތައް ފަހަރެއްގެ މަތިން އިސްލާހު ކޮށްފައިވާ ގާނޫނަކަށް ވުމުން ގާނޫނު މާނަ ކުރުމުގެ މައްސަލައެއް އުޅެނީ ކަމަށެެ. ނަމަވެސް ގާނޫނުގެ އެންމެ އަކުރަކަށް ބަލައިގެން މާނަ ކުރުމުގެ ބަދަލުގައި މުޅި ގާނޫނަށް ބަލައިގެން މާނަ ކުރަން އުޅުމުން މައްސަލައަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފައި ސިޓީއަކަށް ދޭންޖެހޭ ބަޖެޓު ދީފައި ސިޓީއަކުން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ގާނޫނަކުން އެ ސިޓީގެ ކައުންސިލުގެ މައްޗަށް ލާޒިމު ކުރީމާ ދެން އިތުރަށް ސިޓީ ކައުންސިލަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
މިއަދަށް ކޮމެޓީ ނިންމަވާލައްވަމުން ކޮމެޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު، އަލީ ނިޔާޒު ވިދާޅުވީ ކޮމެޓީގައި ކައުންސިލުގެ ފަރާތުންނާއި ކޮމެޓީގެ މެންބަރުން ފާހަގަ ކުރި ކަންކަމަށް ބެލުމަށްފަހު މާދަމާ ބާއްވާ ރަސްމީކޮށް އެ ގާނޫނު މާނަ ކޮށްދީ، ތިނަދޫ ސިޓީ ކައުންސިލާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ގަނޫނީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް މިދިޔަ ސަރުކާރުން ކެމްޕޭނު ތެރޭގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އެވެ. އެ ނިންމުމެއް އިހުތިރާމު ކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.













