ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ އެމްއާރުއައި ސްކޭން ހެދުމުގެ ހިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ އާ އެމްއާރުއައި މެޝިންނެއް ގެނެސް ހިދުމަތް ދޭން ފަށައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އަލަށް ގެނައި އެމްއާރުއައި މެޝިނަކީ ސްކޭން ކުރަން އޮންނައިރު ބަލި މީހާ ހިތްހަމަޖެހޭ ފަދަ އަޑުތައް އިވޭ، އެމްއާރުއައި ހަދާއިރު ހާސްވުން ކުޑަކޮށްދީ ހިއްފަސޭހަކޮންދިނުމުށް ތަފާތު ރީތި މަންޒަރު ވެސް ފެންނަ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މެޝިނެއް ކަމަށެވެ.
ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ވިދާޅުވީ މި އާ މެޝިނުގެ އެންމެ މުހިންމު އެއް ބޭނުމަކީ އެމްއާރުއައި ހަދަން ކިޔުގައި މަޑުކުރަން ޖެހުން ކުޑަކޮށް ވީހާވެސް އަވަހަށް ބަލިމީހުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި މެޝިނުގެ އިމޭޖު ކޮލެޓީ ރަނގަޅުވުމުން ބަލިމީހާގެ ހާލަތާއި ޑޮކްޓަރުން ކުރާ ޑައިގްނޯސްގައި އިތުރު ކަށަވަރުކަމެއް މި އެމްއާރުއައި މެޝިންގެ ސަބަބުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މި އާ އެމްއާރުއައި މެޝިނުގެ ސަބަބުން ކާޑިއެކް އިމޭޖިން އަދި ނިއުރޮލޮޖީ އިމޭޖިން އާއި އެމްއާރުއައި ކާޑިއެކް، އެމްއާރްއައި ޓްރެކްޓޯގްރަފީ، އެމްއާރްއައި ފަންކްޝަނަލް، އެމްއާރްއައި ޕެރިފެރަލް އެންޖިއޯގްރާމް، އެމްއާރްއައި ލިވާ އަޔަން ކޮންޓިފިކޭޝަން، އެމްއާރްއައި ފީޓަލް، އެމްއާރްއައި ޑީފެކޯގްރާމް، އެމްއާރްއައި އޯޓޯގްރާމް، އެމްއާރްއައި ކާޓިލޭޖް މެޕިން އަދި އެމްއާރްއައި ހޯލްބޮޑީ ހެއްދޭނެ ކަމަށެވެ.
އޭގެ އިތުރުން، މެޝިންގެ އަޑު މަޑުވުމުގެ އިތުރުން އަޑާއި ހިތްގައިމު މަންޒަރުތައް ބޭނުންކޮށްގެން ފަރުވާ ދިނުމުން ބަލިމީހުންގެ ކްލަސްޓްރޯފޯބިއާ މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.













