ސްރީ ލަންކާއަށް ދަރަނީގެ ފަރުވާ ފޯރުކޮށްދިނުމަށް އިންޑިއާ، ޖަޕާން އަދި ފްރާންސް ގުޅިގެން ހިންގާ އޮފިޝަލް ކްރެޑިޓާ ކޮމިޓީ (އޯސީސީ) އިން ލަންކާ އާއެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
އޯސީސީ އިން މި ޑެޓް ޓްރީޓްމަންޓް ފޯރުކޮށްދެނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީގައި ލަންކާގައި ހިންގާ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި އެއްބަސްވުމުގެ ސަބަބުން ލަންކާގެ އީއެފްއެފް އެރޭންޖްމަންޓް ފުރަތަމަ ރިވިއުކޮށް، އެ ގައުމަށް އިތުރަށް ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެ އެވެ.
އޯސީސީ އާއި ލަންކާއިން އެއްބަސްވީ އެ ގައުމާއި އައިއެމްއެފްއާ ދެމެދު އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) އިންތިޒާމްގެ ދަށުން ޑެބްޓް ޓްރީޓްމެންޓްގެ މައިގަނޑު މިންގަނޑުތައް ކަނޑައެޅުމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން އައިއެމްއެފްގެ މުވައްޒަފުންނަށް ލަންކާގެ އީއެފްއެފް އިންތިޒާމްގެ ފުރަތަމަ ރިވިއު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅައި، އެ އިންތިޒާމްގެ ދަށުން ދެ ވަނަ ޑިސްބާސްމަންޓަށް ރުހުން ދިނުމުގެ މަގު ހުޅުވިގެންދާނެ ކަމަށް އޯސީސީއިން ބުނެ އެވެ.

އޯސީސީން ވަނީ ސްލަންކާ ދެމެހެއްޓެނިވި މަގަކަށް ރުޖޫއުވުމަށް ގެންނަންޖެހޭ އިސްލާހުތައް ތަންފީޒުކުރުމުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފު ކޮށްފަ އެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ލަންކާގެ ކަމާބެހޭ ފަރާތްތަކާއެކު ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ރަސްމީކޮށް ސޮއިކުރުމަށް އޯސީސީން އޮތީ ތައްޔާރަށެވެ.
"އޯސީސީން އުއްމީދު ކުރަނީ، އެހެން ބައިލެޓަރަލް ކްރެޑިޓަރުން ވެސް، ދެ ފުށް ފެންނަ ގޮތަކަށް، އޯސީސީއަށް ބޭނުންވާ މައުލޫމާތު، އެފަރާތްތަކުގެ އަމިއްލަ ބައިލެޓަރަލް އެގްރީމެންޓާ ގުޅޭ ގޮތުން ޓްރީޓްމެންޓް ކޮމްޕެރަބިލިޓީ އިވެލުއޭޓް ކުރުމަށް އެއްބަސްވާނެ ކަމަށް،" އޯސީސީ އިން ބުނެ އެވެ.
އޯސީސީ އިން ލަފާކުރާ ގޮތުގައި ލަންކާގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ ޕްރައިވެޓް ކްރެޑިޓަރުންނާ އެކު މަޝްވަރާކޮށް، އޯސީސީން ހުށަހަޅާ ޝަރުތުތަކާ އެއްގޮތުގުމަތިން ފައިދާހުރި ޝަރުތުތަކާ ބެހޭ އެއްބަސްވުމެއް އަވަހަކަށް ގާއިމްވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ލަންކާއަށް ފޯރުކޮށްދޭ ޖުމްލަ ދަރަނީގެ ފަރުވާ އަކީ އައިއެމްއެފް ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭ ފައިސާކަން ކަށަވަރުވެގެން ދާނެކަމަށް އޯސީސީ އިން ބުނެ އެވެ.
އިންޑިއާ، ޖަޕާން އަދި ފަރާންސްގެ ފިނޭންސް މިނިސްޓަރުން ގުޅިގެން ޖީ20 އިންޑިއާ ރިޔާސަތުގެ ދަށުން މަލްޓިލޭޓަރަލް ކޯޑިނޭޝަން ޕްލެޓްފޯމް އިފްތިތާހުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މި ޑެޓް ޓްރީޓްމެންޓް އެއްބަސްވުމާ އެކު، މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އަވަސް ދަރަނީގެ ރިޒޮލިއުޝަންގައި އިންޑިއާއިން ވަނީ ބެންޗްމާކެއް ގާއިމުކޮށްފަ އެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އިންޑިއާ، ޖަޕާން އަދި ފަރާންސް ގުޅިގެން، ދަރަނީގެ ފަރުވާއަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން އެދުމުން އެކަމަށް އިޖާބަދިނުމުގެ ގޮތުން އޮފިޝަލް ކްރެޑިޓަރ ކޮމިޓީ (އޯސީސީ) އެއް އެކުލަވާލި އެވެ. އޯސީސީ އެކުލަވާލުމަށް ނިންމީ 17 ގައުމަކުން އެކަމަށް އެއްބަސްވުމުންނެވެ.
އެ ކޮމިޓީގައި ޕެރިސް ކްލަބް ކްރެޑިޓަރުންގެ އިތުރުން އިންޑިއާ އާއި ހަންގޭރީ ވެސް ހިމެނެ އެވެ. އޭގެ ފަހުން އޯސީސީން ވަނީ ލަންކާއާ އެކު ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކޮށްފަ އެވެ.
އެގޮތުން ކަމާބެހޭ ފަރާތްތަކާއި އެކު އޯސީސީން ވަނީ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން ޗައިނާގެ އާއި ލަންކާގެ ޕްރައިވެޓް ކްރެޑިޓަރުންނާއެކު ވެސް މުއާމަލާތްކޮށްފަ އެވެ.
ޕެރިސް ކްލަބް އުފެދުނީ 1956 ވަނަ އަހަރު ރަސްމީ ކްރެޑިޓަރުންގެ ނުރަސްމީ ގްރޫޕެއްގެ ގޮތުގަ އެވެ. އެ މީހުންގެ ދައުރަކީ ލޯނު ނަގާ ގައުމުތަކަށް ދިމާވެފައިވާ ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކަށް މަޝްވަރާކޮށްގެން ދެމެހެއްޓެނިވި ހައްލެއް ހޯދުމެވެ.












