ރައީސް ޑރ.މުހައްމަދު މުއިއްޒު ތުރުކިޔޭއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ އެކު އެގައުމާ ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއް ފެށިފައިވާ ކަމަށް އެމަނިކުފާނު ސިފަކުރައްވައިފި އެވެ.
ތުރުކިޔޭއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުރާވަޑައިގަންނަވަމުން އެކްސް ގައި ލިއުއްވި ލިއުއްވުމެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެ-ތުރުކިޔޭ ގުޅުމުގެ އައު ބާބެއް ފެށުމުގެ ނަތީޖާއެއްގެ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ. ދެގައުމުން އެއްބާރުލާ ދާއިރާތައް މިހާރަށް ވުރެ މާފުޅާވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއާ މެދު ބަހައްޓަވާ ހާއްސަ ގާތްކަމަށް ޓަކައި އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާން އާއި ސަރުކާރުގެ އެހެން ވެރިންނަށް، ރައީސްގެ ލިއުއްވުމުގައި ޝުކުރު އަދާކުރެއްވި އެވެ.
ރައީސް މުއިއްޒު މިހާރު ތުރުކިޔޭ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެ ގައުމާއި، ރާއްޖެއާ ދެމެދު ގުޅުމާއި އެކުވެރިކަމުގެ އާ ރަން ބާބެއްގެ ފެށުމެއްކަމަށް ޔަގީންކުރައްވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް އިއްޔެ ސިފަކުރެއްވި އެވެ.
ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ އެކު ރައީސް މުއިއްޒު ބޭއްވެވި ރަސްމީ މަޝްވަރާތަކާ ގުޅޭ ގޮތުން އެކްސްގައި ލިއުއްވި ލިއުއްވުމެއްގައި ޒަމީރު ވިދާޅުވީ ރާއްޖެ އާއި ތުރުކިޔޭ އާ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓްތަކާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސް މަޝްވަރާކުރެއްވި ކަމަށެވެ.

"މިއީ ތުރުކީޔޭ އާ އެކު ރާއްޖޭގެ ގުޅުމާއި އެކުވެރިކަމުގެ އާ ރަން ބާބެއްގެ ފެށުންކަން ޔަގީން،" ޒަމީރު ވިދާޅުވި އެވެ.
ތުރުކިޔޭގެ ވެރިރަށް އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގައި، ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަކުރައްވައިފަ އެވެ.












