މިދިޔަ ބުރާސްފަތި ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަނުކުރި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ.
ޕީސީބީއަށް މުގުނީ އައްޔަނުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ދުވަހު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ، ހަތް މެމްބަރުން ތިބޭ ޕީސީބީގެ ބޯޑު މެމްބަރު ކަމަށް އޭނާ އައްޔަންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޕީސީބީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި، މި ހަފުތާގެ އާދިއްތަ ދުވަހު ރައީސް މުއިއްޒު ޕީސީބީގެ ބޯޑު އަލުން އެކުލަވައިލައްވާފައިވާ ކަމަށް ބަޔާންކޮށް ހިއްސާކުރި އާ ބޯޑު މެމްބަރުންގެ ލިސްޓުގައި މުގުނީގެ ނަމެއް ނެތެވެ.

ޕީސީބީގެ އައު ބޯޑު: މި ބޯޑުގައި ތިބެން ޖެހޭ ގާނޫނީ މެމްބަރުންގެ އަދަދަކީ ހަތެއް -- ފޮޓޯ/ޕީސީބީ

ޕީސީބީގައި ތިބޭ މެމްބަރުންގެ ޖުމްލައަކީ ރައީސް އާއި ނައިބު ރައީސް އާއި ފަސް ދާއިރާއަށް ނިސްބަތްވާ ފަސް މެމްބަރުން ހިމެނޭހެން ހަތެކެވެ.
މުގުނީ ޕީސީބީން ވަކިކުރަން ރައީސް ނިންމެވި ސަބަބު އަދި ސާފެއް ނޫނެވެ. ނަމަވެސް މި ނިންމުމަށް މި ސަރުކާރަށް ތާއީދުކުރާ މީހުންގެ ފާޑުކިޔުން އަމާޒުވި އެވެ.
މުގުނީ ވަކިކުރި ސަބަބާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ އެކަމުގެ މައުލޫމާތު އޮޅުންފިލުވުމަށް ފަހު ހިއްސާކުރާނެ ކަަމަށެވެ.













