ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާނާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ.
ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި ތުރުކީއަށް ވަޑައިގަތީ އިއްޔެ އެވެ. މި ދަތުރުފުޅަކީ ރައީސް މުއިއްޒަށް ތުރުކީގެ ރައީސް އުރުދުގާންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
ތުރުކީގެ ރައީސް އޮފީހުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ރައީސް މުއިއްޒާއި ތުރުކީގެ ރައީސް އުރުދުގާނާ ބައްދަލު ކުރައްވާފައިވާ ކަން އިއުލާން ކޮށްފައިވެ އެވެ. އަދި ތުރުކީގެ ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް ބައްދަލުވިކަން ހާމަކޮށް ޕޯސްޓެއް ލިޔެފައިވެ އެވެ.
ނަމަވެސް ދެ ބޭފުޅުން ބައްދަލުވި ކަން ފިޔަވައި އިތުރު ތަފްސީލެއް ބައްދަލުވުމާ ގުޅޭ ގޮތުން، އެކްސްގެ ޕޯސްޓްގައި އަދި ތުރުކީގެ ރައީސް އޮފީހުގެ ވެބްސައިޓްގައި ލިޔެފައި ނުވެ އެވެ.
ތުރުކީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޔޫއޭއީއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެ އެވެ. ރައީސް ޔޫއޭއީއަށް ކުރައްވާ ދަތުރަކީ އެ ގައުމުގައި ބާއްވާ ކޮޕް 28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް، އެމަނިކުފާނު ޔޫއޭއީއަށް ވަޑައިގެންނެވި އެވެ. ދަތުރުފުޅަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށް އޭރުގެ އިންތިހާބީ ރައީސްގެ އޮފީހުން ހާމަ ކޮށްފައިވެ އެވެ.











