ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް އެ ކޯލިޝަނުގެ ކުރީގެ ލީޑަރު އަދި ރައީސް އަބްދުالله ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީގެ ނަމަކީ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" ކަން ހާމަކޮށްފި އެވެ.
ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެ އެވެ.
އާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ މިރޭގެ ވަގުތެއްގައި ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މާދަމާގެ ވަގުތެއްގައި ޕާޓީ ހެދުމުގެ ހުއްދަށް އެދޭނެކަން މީގެކުރިން ވަނީ ހާމަކޮށްފ އެވެ.
ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގަނެފަ އެވެ. އެގޮތުން, ސަރުކާރުގެ ދިފާއުގައި ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ވާހަކަ ދައްކަވާފަ އެވެ.
ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލު އެވެ.

ނޭޝަނަލް ފްރޮންޓްގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ސިޔާސީ ޕާޓީތައް އޮޕަރޭޓު ކުރެ އެވެ. އެފަދަ ޕާޓީތައް އާންމު ގޮތެއްގައި ބެލެވިފައި ވަނީ ކަނާތު ފިޔައިގެ ޕާޓީތަކުގެ ގޮތުގަ އެވެ.











