ހޭލާ ހުންނައިރު ވިސްނާ ކަންކަމާ ނިދާއިރު ފެންނަ ހުވަފެންތަކާ ގުޅުން ހުންނަކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހުވަފެންތައް އެންމެ ބޮޑަށް ގުޅިފައިވަނީ އާންމު ދިރިއުޅުމުގައި ކުރާ އާންމު، އާދައިގެ މަސައްކަތްތަކާ ކަމަށް ދިރާސާއިން ހާމަވެފައިވެ އެވެ. އެހެންކަމުން، ހޭލާ އުޅޭއިރު ކުރާ މަސައްކަތާއި ކުރެވޭ ތަޖުރިބާތަކާ، ރޭގަނޑު ފެންނަ ހުވަފެންތަކާ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މީހަކަށް ފެންނަ ހުވަފެންތަކާ ހޭލާ ހުންނައިރު ކުރެވޭ ފިކުރުތަކާ އޮންނަ ގުޅުން ހޯދުމަށް ކުރި އެ ދިރާސާގައި 719 ޒުވާނުން ބައިވެރިކުރި އެވެ. ދިރާސާއަށް ބައިވެރިން ހޮވީ ޔުނިވާސިޓީ އޮފް އެރިޒޯނާގެ އަންޑަގްރެޖުއޭޓް ދަރިވަރުންގެ ތެރެއިންނެވެ.
ސައިންސްގެ ދާއިރާއިން ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ހުވަފެން ފެންނަން މެދުވެރިވާ މައިގަނޑު ސަބަބު އަދިވެސް ހާމަވެފައެއް ނެތެވެ. މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ހުވަފެންތަކުގައި ފެންނަ ކަންކަމާ ހޭލާ ހުންނައިރު ކުރެވޭ ފިކުރުތަކާ އެއްގޮތް ކަންތައްތަކެއް ހުރެދާނެކަމަށް އިޝާރާތްކޮށްފައިވެ އެވެ.
ނަމަވެސް ގިނަ ދިރާސާތައް ލިމިޓްވެފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ އަދަދު މަދުވުމާ ގުޅިގެންނެވެ. އަދި ހުވަފެންތަކާ އެންމެ ގުޅުން ހުންނަނީ ހޭލާ އުޅޭއިރު ކުރެވޭ ހިޔާލުތަކުގެ ތެރެއިން ކޮން ވައްތަރެއްގެ ހިޔާލުތަކެއްތޯވެސް ދިރާސާ ކުރެވިފައި ނުވާތީ އެވެ.

މި ދިރާސާވެރިން ވަނީ ހޭލާ ހުންނައިރު ކުރެވޭ ފިކުރުތައް ވަކި ހަތަރު ކެޓަގަރީއަކަށް ބަހާލާފަ އެވެ.
- ސްޓިމިޔުލަސް – އިންޑިޕެންޑެންޓް ޓާސްކް – އަންރިލޭޓެޑް ތޯޓްސް: މިއީ ވަކި ސަބަބެއް ނެތި ސިކުނޑީގައި އުފެދޭ ޚިޔާލުތަކެވެ. މިއީ ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ހާދިސާއަކާ ގުޅުން ނެތް ފިކުރުތަކެއްކަމަށް ދިރާސާއިން ހާމަވެފައިވެ އެވެ.
- ސްޓިމިޔުލަސް – ޑިޕެންޑެނެޓް ޓާސްކް - އަންރިލޭޓެޑް ތޯޓްސް: މި ފިކުރުތަކަކީ ވަށައިގެންވާ މާހައުލުގައި ހިނގާ ހާދިސާއަކުން އުފެދޭ ފިކުރުތަކެވެ. މިފިކުރުތަކާ ތިމާ ކުރާ އެއްވެސް ކަމަކާ ގުޅުމެއް ނުހުންނާނެ އެވެ. މި ފިކުރުތައް އުފެދެނީ ތިމާގެ ހިޔާލު އެހެން ދިމާއަކަށް އަނބުރައިލާ ކަމެއް (ޑިސްޓްރެކްޝަން)ގެ ގޮތުގައެވެ.
- ސްޓިމިޔުލަސް – އިންޑިޕެންޑެންޓް ޓާސްކް - ރިލޭޓެޑް ތޯޓްސް: މި ފިކުރުތަކަކީ ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމަކާ ގުޅުމެއް ނެތި އުފެދޭ ފިކުރުތަކެވެ. މިފަދަ ފިކުރުތައް އުފެދެނީ އެއިރެއްގައި ކުރަމުންދާ މަސައްކަތަކާ ގުޅުވައި، އަމިއްލަ ވިސްނުން ދައްކުވައިދިނުމަށެވެ.
- ސްޓިމިޔުލަސް - ޑިޕެންޑެންޓް ޓާސްކް - ރިލޭޓެޑް ތޯޓްސް: މި ފިކުރުތަކަކީ ވަށައިގެންވާ މާހައުލާ ކަންކަމާ ގުޅޭ އަދި އެއިރެއްގައި ތިމާ ކުރާ މަސައްކަތަކާ ގުޅުވައި އުފެދޭ ފިކުރުތަކެވެ. މިފަދަ ފިކުރުތައް ދައްކުވައިދެނީ ކުރަން އިންނަ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވުމާއެކުވެސް ވަށައިގެންވާ މާހައުލުގައި ހިނގަމުންދާ ކަންކަމަށްވެސް ސަމާލުވާ ކަމެވެ.
ދިރާސާގެ ބައިވެރިން އެމީހުންނަށް އާންމުކޮށް ފެންނަ ހުވަފެންތަކާ ގުޅޭގޮތުން ސުވާލު ފޯމެއް ވެސް ފުރިހަމަ ކުރި އެވެ. މި ސުވާލުތަކުގައި އެމީހުން ގަސްތުގައި ކުރާ ކަންކަމާއި، ހޭލުންތެރިކަމާއި، ހަގީގީ ދިރިއުޅުމުގެ ހަނދާންތަކާ ގުޅުންހުރި ސުވާލުތައް ހިމެނެ އެވެ.
އިންސާނަކަށް ފެންނަ ހުވަފެންތަކާއި އާންމު ދިރިއުޅުމުގެ މަސައްކަތުގައި އުޅޭއިރު އުފެދޭ ފިކުރުތަކާ ގުޅުމެއްވާކަން މިދިރާސާއިން ހާމަވިއިރު، މި ދިރާސާ ކުރި ބޭފުޅުން ފާހަގަކުރާ ގޮތުގައި މިއީ ދިރާސާއިން ފާހަގަވި އެންމެ މުހިންމު ނުކުތާ އެވެ. އެގޮތުން އާންމު ދިރިއުޅުމުގައި ހުންނަ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތަކާ، ފެންނަ ހުވަފެންތަކާ ގުޅޭކަން ދިރާސާއިން ފާހަގަވެ އެވެ. މިސާލެއްގެ ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެކަމާމެދު ބޮޑަށް ކަންބޮޑުވި ނުވަތަ ހާސްވި މީހުންނަށް ނެގެޓިވް ނުވަތަ ނުބައި ހުވަފެން ގިނައިން ފެނުންކަމަށް ދިރާސާ ކުރި ބޭފުޅުން ފާހަގަކޮށްފައިވެ އެވެ.










