ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އަމިއްލައަށް އިއުތިރާފުވުމުން އެ މައްސަލަ ސާބިތުވެ ދަށު ކޯޓުން ނާޒިމް ސައްތާރުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން އެ މައްސަލަ ހައި ކޯޓުން މިއަދު ބާތިލު ކޮށްފި އެވެ.
ނާޒިމް ސައްތާރުގެ މައްސަލަ ހައި ކޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 26، ގައި އިސްތިއުނާފު ކުރީ ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
އެ މައްސަލަ ބާތިލު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އެދިފައި ވަނީ ދަށުކޯޓަށް ނާޒިމްގެ މައްސަލައިގައި ހުށަހެޅި ދައުވާގައި ބަޔާން ކުރާ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ނިސްބަތުން ކުޑަ އަދަބަކަށްވެފައި މައްސަލަ އިސްތިއުނާފު ކުރި ފަހުން ހޭދަވެފައިވާ މުއްދަށް ބަލާއިރު، ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ނާޒިމް މިހާރު ހުކުމް ތަންފީޒުކޮށް ނިންމާފައި ވާތީ އެވެ.
އެ މައްސަލަ ބާތިލު ކޮށްފައި ވަނީ ހައި ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ދައުވާ ފޯމު ބާތިލު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ނާޒިމް ހުކުމް ތަންފީޒުކޮށް މިހާރު ނިންމާފައި ވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިހާރު ނެތް ކަމަށެވެ.
ނާޒިމް ސައްތާރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި އޭނާގެ މައްޗަށް ތިން މަހާއި 21 ދުވަހަށް ގޭގައި ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15، ގަ އެވެ.















