ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން ވަހީދު ހަމަޖައްސައި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރަކަށް ޑރ. މަހްމޫދު ޝައުގީ މިއަދު އައްޔަނުކޮށްފި އެވެ.
ޝަމްއާނަކީ މީގެ ކުރިން އިމިގްރޭޝަނުގެ މަގާމެއްގައި ހުންނަވަނިކޮށް، ނިމިދިޔަ ސަރުކާރުން ވަޒީފާއިން ވަކި ކުރި ބޭފުޅެކެވެ. ޑރ. ޝައުގީއަކީ ކުރީގެ ޓުއަރިޒަމް މިނިސްޓަރެވެ.
އޭގެ އިތުރުން ވެސް ހަ މަގާމަކަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅުން ހަމަޖެއްސި އެވެ. އޭގެ ތެރޭގައި، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އިގްބާލް އާދަމް، ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު)، އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އައިޝަތު ޝެހެނާޒް އާދަމް ހިމެނެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ. އަލީ ޒާހިރު ވެސް މިއަދު އައްޔަން ކުރެއްވި އެވެ. އަދި ނައިބު ރައީސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުހައްމަދު ވަހީދު ހަސަން، ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގެވުމަށް ޑރ. މުހައްމަދު ކިނާނަތު ވެސް މިއަދު އައްޔަން ކުރެއްވި އެވެ.











