ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުން އެދުނު މައްސަލައިގައި، އެ ގައުމުން ބޭނުންވަނީ ސުލްހަވެރި ހައްލެއް ކަމަށް އިންޑިއާގެ އިސް އޮފިޝަލަކު މިއަދު ބުނެފި އެވެ.
އިންޑިއާގެ މިނިސްޓަރު ކިރެން ރިޖިޖޫއާ އިއްޔެ ބައްދަލު ކުރައްވައި، އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައި އޮއްވައި، އެކަމާ ގުޅޭ ގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވި އިންޑިއާގެ އިސް އޮފިޝަލަކު ވިދާޅުވީ، އިއްޔެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އިންޑިއާ ސިފައިންގެ މައްސަލަ އޮމާންކޮށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމަށެވެ.
"ރައީސް މުއިއްޒު އާއި މިނިސްޓަރު ވެސް ތިއްބެވީ ބައްދަލުވުމާމެދު ހިތްހަމަޖެހިފަ. ދެ ގައުމުން އެއްބަސްވެވޭ ގޮތެއްގައި ސިފައިންގެ މައްސަލާގަ ކުރިއަށް ދިޔުމަށް މަޝްވަރާ ކުރެވުނު، އެކަމަށް އިންޑިއާއިން ތައްޔާރު،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލު ވިދާޅުވީ، އިއްޔެގެ ބައްދަލުވުމުގައި، އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓުގެ ސަބަބުން ދިވެހިންނަށާއި ސަރުކާރަށް ފައިދާތަކެއް ކުރާކަން ރައީސް ފާހަގަކުރެއްވި ކަމަށެވެ.
ހާއްސަކޮށް ބަލިމީހުން އުފުލުމާއި، ސަވެއިލަންސް އަދި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާގެ އުޅަނދުތަކުން ލިބޭ އެހީއަށް ރައީސް ޝުކުރު ދެންނެވި ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން، އިއްޔެގެ ބައްދަލުވުމުގެ ބޭރުން، އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެދި ލިޔުމުން ނުވަތަ އެނޫން ގޮތަކަށްވެސް ރާއްޖޭގެ ސަރުކާރުން އެއްވެސް ގޮތަށް އިންޑިއާ ސަރުކާރުގައި އެދިފައިނުވާ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
އިއްޔެގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ނޫސް ބަޔާން އެ އޮފީހުން ވަނީ ބަދަލުކޮށްފަ އެވެ.
އެގޮތުން އިއްޔެ ކުރިއަށް ގެންދެވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައި އިނގިރޭސިން ފުރަތަމަ ޝާއިއު ކުރި ނޫސް ބަޔާނުގައި މާބޮޑު ތަފުސީލެއް ނުހިމަނައި ހަމައެކަނި ބުނެފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފި ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް އެ ބަޔާނުގައި ހިމަނައިފައެއް ނުވެ އެވެ.
ނަމަވެސް، ފަހުން ޝާއިއު ކުރި ބަޔާނުގައި ބުނެފައިވާ ގޮތުން ދެގައުމުގެ ދެގައުމުގެ ހާރިޖީ ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ރަސްމީކޮށް އެދިވަޑައިގެންފައިވާއިރު ދިވެހިންގެ އެ ނިންމުމަށް އިންޑިއާ ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ ބައްދަލުމުގައި ރައީސް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.













