ޓްރީޓޮޕް ހޮސްޕިޓަލުން އާއްމުންނަށް ހުޅުވާލައިގެން އެންޓިމައިކްރޮބިއަލް އާ ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވަން ނިންމައިފި އެވެ.
މިއީ މި ނޮވެމްބަރު މަހުގެ 19 އިން 23 އަށް ކުރިއަށްދާ "ވޯލްޑް އެންޓިމައިކްރޮބިއަލް އެވެއާނެސް ވީކް" ފާހަގަކުރުމުގެ ގޮތުން ބާއްވާ ސެޝަން އެކެވެ. މި ހަރަކާތް އޮންނާނީ ނޮވެމްބަރު 20 ވަނަ ދުވަހުގެ ހަވީރު 5:00 އިން ހަވީރު 6:00 އަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ ޑޮކްޓަރުންގެ ކޮޓަރީގަ އެވެ.
އެންޓިމައިކްރޮބިއަލް އަށް ހޭލުންތެރިކަން އިތުރުކުރާ ހަފްތާ އަކީ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރު) ގެ ނުރައްކާ އިތުރުވަމުންދާތީ އެކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
އޭއެމްއާރު އުފެދެނީ ބެކްޓީރިއާ، ވައިރަސް، ފަންގަސް، އަދި ޕެރަސައިޓް ފަދަ މައިކްރޯ އޮގަނިޒަމްތައް އެންޓިމައިކްރޮބިއަލް ބޭހުގެ އަސަރުތަކަށް ހޭނި އިންފެކްޝަންތަކަށް ފަރުވާ ކުރަން އުނދަގޫވެ، ބަލިތައް ފެތުރުމުގެ ނުރައްކާ ބޮޑުވުމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ މައުލޫމާތު ސެޝަންގެ ބައިވެރިންނަށް ތިރީގައިވާ މައުލޫއުތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

- އަހަރެމެންގެ ވަށައިގެންވާ ޖަރާސީމުތައް
- ބަލި ޖައްސާ ޖަރާސީމުތަކާއި ބޭސް
- އެންޓިބަޔޮޓިކްސް އަކީ ކޮބައިކަން
- އެންޓިބަޔޮޓިކް ރެސިސްޓެންސް އަކީ ކޮބައިކަން
- އެންޓިބަޔޮޓިކް ރެސިސްޓެންސް އުފެދެން ދިމާވަ ސަބަބުތައް
- މި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން އެކުގައި ކުރެވޭނީ ކޮންކަމެއްތޯ
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ސެޝަނަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސެޝަނަކަށް ވާއިރު މި ސެޝަންގެ ސަބަބުން އޭއެމްއާރު އާއި ބެހޭ ގޮތުން އިތުރަށް ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. މި އިވެންޓާ ބެހޭ އިތުރު މައުލޫމާތު ޓްރީޓޮޕް ހޮސްޕިޓަލުގެ 3351610 އަށް ގުޅައިގެން ހޯދޭނެ އެވެ.













