ރައީސް މުއިއްޒުގެ ތަގުރީރުން ނުއިވުނު ވާހަކަތައް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ ފުރަތަމަ ތަގުދީރު ފުރިހަމަ ނަމަވެސް މުހިންމު ގިނަ ކަމެއް އުނިވެގެންދިޔަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ ފުރަތަމަ ތަގުދީރު ފުރިހަމަ ނަމަވެސް މުހިންމު ގިނަ ކަމެއް އުނިވެގެންދިޔަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދިވެހިރާއްޖޭގެ އަށް ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ދެއްވީ ވަތަނީ އަދި ޖޯޝުން ފުރިފައިވާ ހިތޯބެކެވެ. ގިނަ ބައެއްގެ ތައުރީފު އަންނަނީ އޮހެމުންނެވެ. ނަމަވެސް، ހުވާކުރެއްވުމަށް ފަހު ދިވެހި ރައްޔިތުންނާއި ގައުމު އަދި ދުނިޔެއާ މުހާތަބުކުރައްވާ ތިން ބަހަކުން އަޑުއިވޭ ގޮތަށް ދެއްވި މި ހިތޯބުގައި މުހިންމު ވާހަކަތަކެއް، ބަސްތަކެއް، ނަންތަކެއް އުނިވި އެވެ. ބައެއް ދާއިރާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވަނީ ލޮނުމަޑުކޮށެވެ.

ތިމާވެށީގެ ވާހަކައެއް ނެތް

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ގަތަރުގެ އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު ފާޑުކިޔެވެ.

އެ ދުވަހު ރައީސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާއި ގުޅޭ ގޮތުން ސައިންސްވެރިން ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ކަނޑުން މައްޗަށް އެންމެ މީޓަރަކަށް އުފުލިފައިވާ މި ޖަޒީރާ ރަށްތަކަށް މޫސުމީ ބަދަލުތަކުން ބޮޑު އަސަރެއް ނުކުރާ ކަމަށް ވިދާޅުވެ، އެންމެ ފަހުން ސައިންސްވެރިން އަމިއްލައަށް ރާއްޖެ އައިސް އެކަން ބެލުމަށް އެމަނިކުފާނު ދައުވަތު ވެސް އެރުވި އެވެ.

Advertisement

"އެއީ އަބަދުވެސް ދައްކާ ވާހަކައެއް.... އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ [ނާސާ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތައް] ހަގީގަތެއް ހެނެއް. މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަ ދެއްކި. ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް އުފުލޭ މަންޒަރެއް އަޅުގަނޑުމެންނަށް ނުފެނޭ." މިއީ އެ ދުވަހު ރައީސް ބޭނުންކުރެއްވި އިބާރާތެވެ.

މިއަދު ދެއްވި ތަގުރީރުގައި ރައީސް ވަނީ ތިމާވެށީގެ ވާހަކަ އެކީހެން ދޫކޮށްލައްވާފަ އެވެ. މޫސުމީ ބަދަލުތަކާއެކު ކުދި ޖަޒީރާ މި ގައުމަށް ކުރިމަތިވަމުންދާ އަދި ކުރިމަތިވާނެ ނުރައްކާތަކުގެ ވާހަކަ، އެމަނިކުފާނު އެއްގޮތަކަށްވެސް ނުދައްކަވަ އެވެ.

ކުށްކުރުމާއި ޖިނާއީ އަދުލުގެ ނިޒާމުގެ ވާހަކައެއް ނެތް!

ދިވެހި މުޖުތަމައުގައި އެންމެ ބޮޑަށް ފެތުރިވައިވާ ބޮޑެތި ކުށްތަކުގެ ވާހަކަ ރައީސްގެ ފުރަތަމަ ތަގުރީރުން ފާހަގައެއްނުވި އެވެ. މަސްތުވާތަކެއްޗާއި ރޭވިގެން ހިންގޭ ކުށްކުރާ ގްރޫޕުތަކުގެ ވާހަކަ މިއަދުގެ ވާހަކަފުޅުގައި ނެތެވެ.

ޒުވާނުންނަށް ކޮށްދެއްވާނެ ކަންކަން ފާހަގަކޮށް ދެއްކެވި ވާހަކާގައިވެސް ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެތީގެ ވާހަކަ، އަދި އެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އާ ސަރުކާރުން ކޮށްދެއްވާނެ ކަންކަމުގެ ވާހަކައެއް ވެސް މިއަދުގެ ތަގުރީރުގައި ނެތެވެ. މަސްތުވާތަކެތީގެ ސުރުހީ ވެސް އަޅާނުލައްވަ އެވެ.

"ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން" ކަމަށް ވިދާޅުވެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކާގައި ސުރުހީ އަލިއަޅުއްވާލެއްވި ނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ. ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޮރުއްވާނެ ކަމަށް ވިދާޅުވެ، ފާހަގަކުރެއްވީ "މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން" ކަމަށެވެ.

އޭގެ އިތުރުން ޖިނާއި އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަން ޖެހޭ ގިނަ ކަންކަން ހުރި އިރު އެއިން އެއްވެސް ވާހަކައަކަށް އަލިއަޅުވާލައްވާފައި ނުވެ އެވެ. އޭގެ ތެރޭގައި, ފުލުހުންގެ ތަހުގީގުތައް ހަރުދަނާ ކުރުމާއި ވަރުގަދަ ކުރުމަށް ބޭނުންވާ ކަންކަމާއި, ކޯޓުތަކަށް ދިމާވެފައިވާ ދަތިތަކާއި, އަދި ޖަލުތަކުގެ ހާލަތުގެ ވާހަކަ ގެނެސްފައި ނުވެ އެވެ.

މިކަންކަން ނުވެ އޮތުމުން ކުރިމަތިވާ އިޖުތިމާއީ މައްސަލަތައް ވަރަށް ގިނަ އެވެ. އަދި, އެ މައްސަލަތަކުގެ ސަބަބުން ޒުވާނުންނަށް ކުރާ އަސަރު އެހެން އުމުރުފުރާތަކަށް ވުރެ ބޮޑެވެ. ހަމައެހެންމެ, އުފެއްދުންތެރި ޖީލެއް ބިނާ ކުރަން ކުރަމުންދާ މަސައްކަތްތަކަށް ވެސް އޮތް އެންމެ ބޮޑު އެއް ހުރަހަކީ މިއީ އެވެ.

ރައީސް ޔާމީނުގެ ނަން ނެތް ހިތާބެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމުންނެވެ. ޔާމީނަށް އިންތިހާބުގައި ވާދަކުނުރެވުނީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ.

އެއާއެކު، ރައީސް މުއިއްޒުއަށް ރިޔާސީ ކެމްޕޭނު ކުރެއްވުމަށް ލިބިވަޑައިގެންނެވި މަދު ދުވަސްކޮޅުގައި ކުރެއްވި ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ ޔާމީނުގެ ނަމެވެ. ޕޯސްޓަރުތަކާއި ބިލްބޯޑުތަކުގައި ބޭނުންކުރެވީ ޔާމީނުގެ ފޮޓޯ އެވެ. ޖަލްސާތަކުގައި، "ރައީސް ޔާމީނު އެންޑޯޒްކުރެއްވި ކެންޑިޑޭޓު" ކިޔާފަ ނޫނީ ރައީސް މުއިއްޒުގެ ނަންގަނެފައެއް ނުވެ އެވެ. ޖަލްސާތަކުގައި ޔާމީނަށް ހާއްސަ ހުސް ގޮނޑިއެއް ހުރެ އެވެ.

ވެރިކަމުގައި ޔާމީނު މިނިވަންކުރައްވާނެ ކަމަށާއި، ގައުމު ބިނާ ކުރުމުގައި އެމަނިކުފާނުގެ ލަފަޔާއި މަޝްވަރާ ހޯއްދައްވާނެ ކަމަށް ކެމްޕޭނުގައި ވިދާޅުވި ރައީސް މުއިއްޒު މިއަދު ދެއްވި، ވަތަނީ ތަގުރީރުގައި ޔާމީނުގެ ނަން ނުގަންނަވަ އެވެ.

އެމަނިކުފާނު ގެނެސްދެއްވި ތަރައްގީއާއި، 'ނުހައްގު ޖަލު ހުކުމުގެ' ވާހަކައެއް އެއްވެސް ގޮތެއްގައި ދެއްކެވިތަނެއް ފާހަގައެއްނުވި އެވެ.

ފަލަސްތީނުގެ ވާހަކައެއް ނެތް!

ދުނިޔެ މިހާރު ދެކެމުންދާ، ހުޅަނގުން އިރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ކަމަކީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމެވެ. މިއަދުގެ ރަސްމިއްޔާތަށް 46 ގައުމު ތަމްސީލުކުރުމަށް އެކި ވަރުގެ ޑިޕްލޮމެޓުން ހާޒިރުވި އެވެ. އޭގެ ތެރޭގައި އިޒްރޭލަށް ވާގިވެރިވާ އެމެރިކާ އަދި ހުޅަނގުގެ އެކި ގައުމުތަކުގެ ވަފުދުތައް ވެސް ހިމެނެ އެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި މިއަދު ހުވާ ކުރެއްވި ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފަލަސްތީނުގެ ވާހަކަ ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އިސްލާމީ އުންމަތުގެ ގައުމަކާ ހަވާލުވެ، ތިން ބަހުން މުޅި ދުނިޔެއާ މުހާތަބުކޮށް ދެއްވި މި ތަގުރީރުގައި އެ ވާހަކަ ހިމަނާލެއްވި ނަމަ އެކަން ވެގެންދިޔައީހީ ދެވިގެންދާނެ ވަރުގަދަ މެސެޖަކަށެވެ.

އިޒްރޭލުން ވޭތުވެދިޔަ 42 ދުވަހު ގާޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތައް ހުއްޓާލައްވަން ގޮވާލައްވާ، ފަލަސްތީނުގެ ރައްޔިތުންނާއެކު ހުންނެވިކަން ދައްކުވައިދެއްވުމަށް ލިބުނު ފުރުސަތު ރައީސް ވަނީ ނަގާލާފަ އެވެ. އެ ހަމަލާތަކުގައި ޝަހީދުވި 12،500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ވާހަކަ މިއަދުގެ ތަގުރީރުގައި ހިމަނަލެއްވުން ވެގެންދިޔައީހީ ދިވެހިން އަބަދުވެސް ފަލަސްތީނަށް ކުރާ ތާއީދާއި ދައްކުވައިދޭ ލޯބީގެ ރަމްޒަކަށެވެ.

ރައްޔިތުންނަށާއި ބޭރުގެ މަންދޫބުންގެ ނަމެއް ނެތް

ވެރިކަމަށް ރައީސަކު ހޮވަނީ ރައްޔިތުންގެ ވޯޓުންނެވެ. ރައީސް މުއިއްޒުއަށް ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 129,159 ދިވެހި ރައްޔިތުން ވޯޓު ދިނެވެ. ހުވާ ކުރެއްވުމާއި ކާމިޔާބީތަކާ ގުޅިގެން ކުރާ ތަގުރީރުތަކުގެ ސަގާފަތަކީ ފުރަތަމަ ވެސް ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމެވެ.

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ހައިބަތު ބޮޑު ރަސްމިއްޔާތަށް ބޭރުގެ 49 ގައުމަކުން އައި 190 އަށްވުރެ ގިނަ އޮފިޝަލުން ވަޑައިގަތެވެ. އޭގެ ތެރޭގައި އަވައްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހު އާއި ޗައިނާ، އެމެރިކާ އަދި އިންޑިއާގެ ހާއްސަ މަންދޫބުން ހިމެނެ އެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ދިވެހި ބިމަށް އުފަން އުފަން، ކުރިން ދިވެހި ދަރިޔެއް ކަމުގައި ސީޝެލްގެ ނައިބު ރައީސް އަހުމަދު އަފީފު ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެ ފަރާތްތަކުގެ ނަން ޖުމުލަ ގޮތެއްގައި ވިޔަސް ފާހަގައެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox