ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގެ މިނިސްޓަރުން ހުވާ ކުރައްވައިފި

ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުން. ޖުމުލަ 22 ވަޒީރަކު މިއަދު މަގާމުގެ ހުވާ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުން. ޖުމުލަ 22 ވަޒީރަކު މިއަދު މަގާމުގެ ހުވާ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިނިސްޓަރުން އައްޔަން ކުރައްވައިފި އެވެ.

މިހާރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރުންނަށް މަގާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު އާއި ނައިބު ރައީސް ހުސައިމް މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަތެވެ.

  1. މިނިސްޓާ އޮފް ޑިފެންސް މުހައްމަދު ގައްސާން މައުމޫން
  2. މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު
  3. މިނިސްޓާ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު
  4. އެޓާނީ ޖެނެރަލް އަހްމަދު އުޝާމް
  5. މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން
  6. މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
  7. މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު
  8. މިނިސްޓާ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް
  9. މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓު ޑރ. އަލީ ހައިދަރު
  10. މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  11. މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުالله ހަލީލް
  12. މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް
  13. މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު
  14. މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
  15. މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ
  16. މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުالله މުއްތޮލިބު
  17. މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ
  18. މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް
  19. މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ ތޯރިގު އިބްރާހިމް
  20. މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު އާދަމް ނަސީރު އިބްރާހިމް
  21. މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު)
  22. މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުالله ރާފިއު

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާނެ އެވެ. އޭގެ ތެރެއިން ތިން ބޭފުޅުންނަކީ އަންހެނުން ވަޒީރުންނެވެ.

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން އަދި އޭގެ ކުރިން އެމްޑީޕީ ސަރުކާރުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރުކަމާއި ޗާންސެލަރުކަން ވެސް ކުރައްވާފައި ވެ އެވެ.

ޝަހީމް ޕީއެޗްޑީ ހާސިލުކުރެއްވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް (ފިގުހު އެންޑް އުސޫލުލް ފިގުހު) ގެ ދާއިރާއިންނެވެ. އަދި ރާއްޖެ އައި ޕާކިސްތާނާއި މިސްރާއި ސައުދީ އަރަބިއްޔާގެ އިތުރުން މެލޭޝިއާއިން ތައުލީމު ހާސިލުކުރައްވައިފި އެވެ.

އަލީ އިހުސާން / މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

އަލީ އިހުސާނަކީ އެމްއެންޑީއެފްގައި ދިހަ އަހަރު ހިދުމަތް ކުރެއްވުމަށް ފަހު 2017 ގައި ޝަރަފުވެރިކަމާ އެކީ ރިޓަޔާ ކުރެއްވި ބޭފުޅެކެވެ. ގައުމީ ދިފާއީ ބާރުގައި ތަރުޖަމާނު ކަން ވެސް ކުރެއްވި އެވެ. ރަސްމީކޮށް ސިޔާސީ ދާއިރާއަށް ނުކުންނެވީ 2021 ގައި އެމްއެންޕީއާ އެކީގަ އެވެ.

އިހުސާން ވަނީ އެމެރިކާގެ މިލިޓަރީ އެކެޑެމީ ވެސްޓްޕޮއިންޓް އިން, ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީސްއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި ސިންގަޕޫރުގެ ނަންޔަންސް ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ވަނީ ހާސިލުކުރައްވާފަ އެވެ.

ޑރ. އައިޝަތު ރަމީލާ / މިނިސްޓާ އޮފް އެގްރިކަލްޗާ, އެންޑް އެނިމަލް ވެލްފެއާ

ރަމީލާ ވަނީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ހެލްތާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި މެޑިކަލް އެންޑް ޑެންޓަލް އެސޯސިއޭޝަންގެ ރަޖިސްޓްރާގެ މަގާމާއި އެވިޑް ކޮލެޖުގެ ޑީންކަން ކޮށްފަ އެވެ.

ޑރ. މަރިޔަމް މާރިޔާ / މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް

ޑރ. މަރިޔަމް މާރިއާއަކީ ރާއްޖޭގެ ސިޔާސީ ދާއިރާއަށް މުޅިން އާ މޫނެކެވެ. މީގެ ކުރިން އޭނާ އެއްވެސް ސިޔާސީ މަގާމެއް ފުރުއްވާފައި ނުވެ އެވެ.

ނިއު ޒިލޭންޑުގެ ވައިކަޓޯ ޔުނިވާސިޓީގެ ސީނިއާ ޓިއުޓާ ޑރ. މަރިޔަމް މާރިޔާ އެވެ. އޭގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ޑޮކްޓޯރަލް ސުވަވައިޒާ ކަމާއި ވިސިޓިން ސްކޮލާގެ މަގާމާއި އެކްސްޓާނަލް އެގްޒެމިނާ އަކަށް، އެޕްލައިޑް ލިންގުއިސްޓިކްސް ދާއިރާއިން ޕީއެޗްޑީ

ޑރ. އިސްމާއިލް ޝަފީއު / މިނިސްޓާ އޮފް އެޑިއުކޭޝަން

ޑރ. އިސްމާއީލް ޝަފީއު އަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. އެފަހުން ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަން ފެކަލްޓީގެ ޑީންއަކަށެވެ.

ޝަފީއު މަތީ ތައުލީމު ހާސިލުކުރެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ޓީޗިން ދާއިރާއިންނެވެ. އަދި ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީންނެވެ. އަދި އެޑިއުކޭޝަނަލް މެނޭޖްމެންޓް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ ޔުނިވާސިޓީ މަލަޔާއިންނެވެ.

ޑރ. އައިޝަތު ޝިހާމް / މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވެލޮޕްމެންޓު

އައިޝަތު ޝިހާމް އަލުން ކެބިނެޓާ ގުޅިވަޑައިގަންނަވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވުމަށްފަހުގައެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކް އިން ގައިޑެންސް އެންޑް ކައުންސެލިން ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، އޮސްޓްރޭލިއާގެ މެކެރީ ޔުނިވާސިޓީން ކައުންސެލިން ސައިކޮލޮޖީގެ މާސްޓާސް ޑިގްރީ ހޯއްދަވާފައެވެ. ޑރ. އައިޝަތު ޕީއެޗްޑީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނިއު ކާސަލްއިން، ސައިކޮލޮޖީ ދާއިރާއިންނެވެ.

ޑރ. އަބްދުﷲ ރާފިއު / މިނިސްޓާ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރެކްރިއޭޝަން

ރިހެބިލިޓޭޝަން ސްޕެޝަލިސްޓެއް ކަމަށް އަބްދުﷲ ރާފިއު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އެހެން އެތުލެޓިކްސް ޓީމްތަކުގެ ފިޒިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

އޭނާ ވަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް ފިސިކަލް މެޑިސިން އެންޑް ރީހެބިލިޓޭޝަނުން, ސްޕޯޓްސް ފިސިއޯތެރަޕީ އާއި ސްޕޯޓްސް ފިސީޝަން ކޯސް ވެސް ހައްދަވާފައެވެ.

ޑރ. އަބްދުﷲ ހަލީލް / މިނިސްޓާ އޮފް ހެލްތު

ޑރ. ހަލީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމްގެ ނިލަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް ކަމާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް މީގެ ކުރިން ފުރުއްވާފައެވެ.

ދެހާސް ފަނަރައިގައި، ޕަބްލިކް ޕޮލިސީ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި ޑރ. ހަލީލްގެ ތީސިސް ޚާއްޞަކުރެއްވީ ރާއްޖެ ލާމަރުކަޒު ކުރުމުގެ މައުޟޫއަށެވެ.

ޑރ. މުހައްމަދު ޝަފީގް / މިނިސްޓާ އޮފް ފިނޭންސް

ޑރ. މުހައްމަދު ޝަފީގަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެވެ އޭގެ ކުރިން ވެސް އޭނާ މަސައްކަތް ކުރައްވަމުން އައި އެ ކުންފުނީގަ އެވެ.

ޝަފީގް ޕީއެޗްޑީ ހާސިލުކުރެއްވީ ލަންކާގެ ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް ޕްރޮފެޝަނަލް އެޑިއުކޭޝަން މެދުވެރިކޮށް އައިއައިސީ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ކެމްބޯޑިއާއިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.

ޑރ. އަބްދުﷲ މުއްތަލިބު / މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

ހައުސިން މިނިސްޓަރުކަން މުއިއްޒު ކުރެއްވި އިރު ނައިބަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބް އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަނުން ސިވިލް އިންޖިނިއަރިންގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މުއިއްޒު އަލަށް އުފައްދަވާ މި ވުޒާރާގެ މިނިސްޓަރަކަށް އައްޔަން ކުރައްވަނީ އެ މަނިކުފާނު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ނައިބެއްގެ ގޮތުގައި ހުންނެވި މުއްތަލިބެވެ.

އޭނާއަކީ ވެސް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖު ލަންޑަނުން، އިންޖިނިއަރިން ދާއިރާއިން ޕީއެޗުޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިބްރާހިމް އަސްވާޑު / މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓު, އިންފޮމޭޝަން އެންޑް އާޓްސް

ރާއްޖެ ޓީވީގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި ޖާނަލިސްޓް އަސްވާޑް ވަނީ 2014 ވަަނަ އަހަރު، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށްފައެވެ. އޭގެ ފަހުން އެމްޑީޕީން ވަކިވެ، އެމްޓީޑީގެ ޓިކެޓްގައި މަޖިލީހުގެ ތުލުސްދޫ ދާއިރާއަށް ވާދަކުރެއްވިއެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.

އިބްރާޙިމް ފައިސަލް / މިނިސްޓާ އޮފް ޓޫރިޒަމް

އިބްރާހިމް ފައިސަލްއަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ. އޭނާ ވަނީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި މަސައްކަތް ކުރަައްވާފަ އެވެ. އޭގެ ކުރިން ފުލުސް އޮފީހުގައި މަސައްކަތް ކުރެއްވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ފައިސަލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފަ އެވެ. އޭނާއަކީ މިހާރު ވެސް ޕީއެންސީގެ ސެނެޓު މެންބަރެކެވެ. ފައިސަލް މަތީ ތައުލީމް ހާސިލުކުރެއްވީ މެލޭޝިއާގެ ވެސްޓްމިނިސްޓާ އިންޓަނޭޝަނަލް ކޮލެޖުންނެވެ.

ޑރ. އަލީ ހައިދަރު (ހައިދަރު އަހުމަދު) / މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމެންޓު

ޑރ. ހައިދަރަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ވަރަށް ކުޑަ ދުވަސްކޮޅަކަށް ހައުސިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ހައިދަރު މަތީ ތައުލީމު ހާސިލުކުރެއްވީ ޓައުން އެންޑް ކަންޓްރީ ޕްލޭނިން ދާއިރާއިން ޔުނިވާސިޓީ އޮފް މެންޗެސްޓާއިންނެވެ. އަދި، ޕީއެޗްޑީ ހާސިލުކުރެއްވީ ޕްލޭނިން ސްޓަޑީސްއިން ޔުނިވާސިޓީ ކޮލެޖު ލަންޑަނުންނެވެ.

މުހައްމަދު އަމީން / މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ކުރީގެ ޕައިލެޓް، ކެޕްޓަން މުހައްމަދު އަމީންއަކީ އައިލެންޑް އޭވިއޭޝަންގެ ކުރީގެ އޮޕަރޭޝަންސް ޑިރެކްޓަރެވެ. ރައީސް މުއިއްޒުގެ ކެމްޕެއިން މެނޭޖަރުކަން ވެސް ކުރެއްވީ އޭނާ އެވެ.

އޭނާ އެ މަގާމުން ވަކިކުރާ ގާނޫނާ ހިލާފަށް ކަަމަށް ހުކުމްކޮށް، އޭނާއަށް އަލުން މަގާމުދީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އަންގާފަ އެވެ.

ގައްސާން މައުމޫން / މިނިސްޓާ އޮފް ޑިފެންސް

ކުރީގެ ރައީސް މައުމޫންް އަބްދުލްގައްޔޫމްގެ ދަރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގައްސާން މައުމޫނަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެވެ.

ގައްސާން ވަނީ ކިންގްސް ކޮލެޖް ލަންޑަންއިން މޮލިކިއުލާ ބަޔޮލޮޖީ އެންޑް ބަޔޯމެޑިކަލް ސައިންސަސް ރިސާޗް ދާއިރާއިން ތައުލީމު ހާސިލުކުރައްވާފަ އެވެ.

މުހައްމަދު ސައީދު / މިނިސްޓާ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސައީދަކީ ކުރީގެ ޕީޕީއެމް ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރެވެ. އޭނާއަކީ މިހާރު ޕީއެންސީގެ ނައިބު ރައީސެވެ.

ސައީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމްއިން، އެމްއެސް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަަވާފަ އެވެ.

އަހުމަދު އުޝާމް / ބަންޑާރަ ނައިބު

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމަކީ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލެއް އަދި ގާނޫނީ ވަކީލެކެވެ. އޭނާ ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުންނެވެ.

އުޝާމް މަޖިލީހަށް ހޮވިވަޑައިގަތީ މިނިވަން މެމްބަރެއްގެ ގޮތުގައި ނަމަވެސް ފަހުން އޭނާ ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންފަ އެވެ. އޭނާއަކީ މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސެވެ.

އާދަމް ޝަރީފް / މިނިސްޓާ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި ޑިފެންސް މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އާދަމް ޝަރީފް މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް އެންގްލިއާއިން، ތައުލީމީ ދާއިރާއިންނެވެ.

އަހުމަދު ޝިޔާމް / މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން ކުރައްވާ ޝިޔާމަކީ ޝިޔާމަކީ ޕީޕީއެމްގެ ނައިބު ރައީސެވެ. އޭނާއަކީ ޕީޕީއެމްގެ އެންމެ ނުފޫޒުގަދަ މަގުބޫލު ލީޑަރުންގެ ތެރެއިން ގުނާލެވޭ އެކަކެކެވެ.

ޝިޔާމްއަކީ ޓޫރިޒަމް ދާއިރާގައި އަމަލީ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ޕްރޮފެޝަނަލް ޑައިވަރެކެވެ.

ތޯރިގު އިބްރާހިމް / މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު, އެންވަޔަރަމަންޓު އެންޑް އެނާޖީ

ތޯރިގު އިބްރާހީމަކީ ކުރީގެ ޕީޕީއެމް ސަރުކާރުގެ ވެސް އެންވަޔަރަންމަންޓް މިނިސްޓަރެވެ.

ތޯރިގު ވަނީ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. އޭގެ އިތުރުން ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީން ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ޕްރެސްޓަން ޔުނިވާސިޓީން އެމްބީއޭ ވެސް ހާސިލްކުރައްވާފަ އެވެ.

އާދަމް ނަސީރު އިބްރާހިމް / މިނިސްޓާ އޮފް ދިވެހި ލޭންޖުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖު

ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އާދަމް ނަސީރަށް މުއިއްޒުގެ ސަރުކާރުން ހަވާލުކުރަނީ އަލަށް އުފައްދާ ގައުމިއްޔަތު މިނިސްޓްރީއެވެ.

ޅެންވެރިކަމާއި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ރޮނގުން 2007 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު އާދަމް ނަސީރަށް އަރުވާފައިވެއެވެ. އޭނާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ މިހާރު 29 އަހަރު ވަނީ ވެފައެވެ.

މޫސާ ޒަމީރު / ފޮރިން މިނިސްޓަރު

މޫސާ ޒަމީރަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރެވެ. އޭގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން އެއް ދައުރަށް ކުރައްވާފަ އެވެ.

ޒަމީރު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސަންޑަލެންޑްއިން ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި، ކާޑިފް މެޓްރޮޕޮލިޓަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox