މިއަދު މި އުފެދިގެންދާ ސަރުކާރަކީ ފެހި ގާނޫނު އަސާސީގެ ދަށުން ދިވެހީންނަށް އެންމެ ބޮޑު ހިތްހަމަޖެހުމަކާއި ކުރިއެރުމެއް ހޯދައިދޭނެ ސަރުކާރު ކަމަށް ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމާ އެކު މިއަދު އުފެދޭ ސަރުކާރުގެ އިސް މަގާމަކަށް އަންނާނެ ކަމަށް ވެސް ލަފާ ކުރެވޭ، އަބްދުއްރަހީމް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރާ މެދު އޮތީ އުއްމީދަކަށް ވުރެ ބޮޑަށް ޔަގީންކަމެއް ކަމަށެެވެ. އެގޮތުން ދިވެހީންގެ ރާއްޖެއަށް މިކުރި ދަތުރަކީ ކާމިޔާބު ދަތުރެއްކަން މި ސަރުކާރުން ދައްކައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އުފެދިގެން ދިޔަ ސަރުކާރު ވެގެން ދާނީ ދިވެހިން އެދޭފަދަ ތަރައްގީއާއި ކުރިއެރުން ހޯދައިދޭނެ ސަރުކާރަކަށޭ، ދިވެހިރާއްޖޭގައި ސުލްހަވެރިކަން ގާއިމު ކޮށްދޭ ސަރުކާރަކަށޭ، ތަފާތު ކުރުމެއް ނެތި އެންމެންނަށް ހަމަހަމަކަމާ އެކީގައި އަދުލުއިންސާފު ލިބިގެންދާނެ ސަރުކާރަކަށޭ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައިދޭނެ ސަރުކާރަކަށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ރިޔާސީ ވައުދުތަކަށް އަލި އަޅުވައިލައްވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެ މިނިވަންކަން އަނބުރައި މި ސަރުކާރުން ހޯދައިދޭނެ ކަމަށާއި އިގުތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ދަތިކަމުން އަރައިގަތުމުގެ މަސައްކަތް މިހާރު ވެސް ވެރިކަމުގެ ހުވާ މިއަދު ކުރައްވާ، ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.
މުއިއްޒުގެ ވެރިކަމުގައި ހިންގަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އަލަށް މި އުފެދޭ ސަރުކާރުން ހިންގާނީ ހަމައެކަނި ރަށްރަށުގެ ބަނދަރު ހެދުމާއި ނަރުދަމާ އެޅުންފަދަ އަސާސީ ހިދުމަތްތަކުގެ ޕުރޮޖެކްޓުތައް ނޫން ކަމަށެވެ. އެފަދަ މަޝްރޫއުތައް އެއީ ތަރައްގީގެ ގޮތުގައި ރައްޔިތުން ވެސް މިހާރު ބަލައިނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމާ އެކީގައި އިރާދަ ރައްޔިތުން ގަބޫލު ކުރާ ވަރުގެ ތަރައްގީގެ މަޝްރޫއުތަކެއް މިއަދު މި އުފެދޭ ސަރުކާރުން ހިންގާނެ،"
ނިމިގެންދިޔަ ސަރުކާރާ މެދު އޮތް އެންމެ ބޮޑު އެއް ހިތްހަމަ ނުޖެހުމަކީ އިސްލާމްދީނަށް ކުޑައިމީސްކޮށް ހިތާކަމަށް ގަބޫލުކުރާނެ ޖާގަ ދިން ދިނުން ކަމަށާއި މިއަދު މިއޮތް ސަރުކާރު ދެމި އޮތްތާ ހިނދަކު އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓު ހުވާ ކުރައްވާނީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި އޮންނަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އައު ރައީސް، ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިިޔާބު ކުރެއްވީ މި ނިމުނު ދައުރުގެ ރައީސް، ސޯލިހުއަ ވާދަކުރައްވައި 54 އިންސައްތަ ހޯއްދަވައިގެންނެވެ.












