މާލެ ސިޓި ކައުންސިލްގެ މެންބަރު ކަމުން އަބްދުﷲ ނަސީރާއި އާދަމް ރަމީޒު އިސްތިއުފާ ދެއްވައިފި އެވެ.
ސިޓީ ކައުންސިލުން އެ ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީ، މާދަމާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ރަމީޒު އާއި އަބްދުﷲ ނަސީރު އައްޔަން ކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުންގެ މަގާމަށެވެ.
ސިޓީ ކައުންސިލްގައި ވެސް މުއިއްޒުއާއެކު އެންމެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދެވީ މި ދެ ބޭފުޅުން، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މުއިއްޒުގެ ކެމްޕޭނު ފަންޑު މެނޭޖު ކުރުމުގައި މި ދެ ބޭފުޅުންގެ އިސްކޮށް އުޅުއްވިކަން ވަނީ އެނގިފަ އެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓު ހޯދުމަށް އޭރު ކުރަމުން ދިޔަ މަސައްކަތުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ ވެސް ރަމީޒެވެ.

ރަމީޒު ޕީޕީއެމްއިން ކަނޑާލާނެ ކަމުގެ އިންޒާރު ދީ އޭނާގެ މައްސަލަ ބަލަން ފެށީ، ޕާޓީގެ ރިޔާސީ ޓިކެޓު ޔާމީނަށް ލިބިވަޑައިގެންފައި ވާއިރު، މުއިއްޒު ވެރިކަމަށް ގެންނެވުމަށް ކެރަމީޒު އިސްވެ ހުންނަވައި ކެމްޕޭނު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ފޮނުއްވި ނޯޓަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލަން ފެށުމުން ރަމީޒު ޕާޓީން ވަކިވެވަަޑައިގަތެވެ.
ސްކޫލު ނިންމެވި ގޮތަށް ރަމީޒު ގުޅިވަޑައިގަތީ އެމްއެންޑީއެފްއާ އެވެ. އެސްޕީޖީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެން، ޔާމީންގެ ވެރިކަން ނިމެންދެން އުޅުއްވީ އާބަންކޯ (އޭރު އެޗްޑީސީ) ގަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރައްވާ އަބްދުﷲ ފެށުނީއްސުރެ ވެސް އުޅުއްވަމުން ގެންދެވީ އާއިލީ ވިޔަފާރި، ހެރިންސް ހިންގެވުމަށެވެ.












