ދަރިފުޅަށް ދެ އަހަރު ވަންދެން މައިންނަށް ވަޒީފާގެ ލުއި ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ދަރިމައިވުމުގެ ސަަބަބުން ކަނޑައެޅިފައިވާ ވަގުތުގައި މަސައްކަތް ކުރުމަށް ދަތިވާ މުވައްޒަފުންނަށް ލުއިދޭން ނިންމާފައިވާ ކަމަށެވެ.
ދަރިފުޅަށް ދެ އަހަރު ފުރުމާ ހަމައަށް، ވަޒީފާ އަދާކުރާ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު ނުވާނޭ ގޮތަކަށް ލުއި ދެވިދާނެ ކަމަށް ބުނެފައި ވެއެވެ.
މި ލުއި ދޭންވާނީ އިދާރާއަށް ދަތިނުވާ ގޮތެއްގެ މަތިން ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.
އަދި މިގޮތަށް ލުއި ދެވޭ ހާލަތުގައި މުވައްޒަފުގެ މުސާރައާއި އިނާޔަތުން އެއްވެސް މިންވަރެއް އުނިކޮށްގެން ނުވާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުގެ ސާކިއުލާގައި ބުނެ އެވެ.

ވިހެއުމާއި ގުޅިގެން ދެމުން އަންނަ ޗުއްޓީވެސް މި ސަރުކާރުން ވަނީ ހަމަސް ދުވަހަށް އިތުރުކޮށްފަ އެވެ. ބައްޕައިންނަށް ދެމުން އަންނަ ޗުއްޓީ އެއް މަސް ދުވަހަށް މި ސަރުކާރުން އިތުރުކޮށްފައި ވެއެވެ.












