އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާއަށް ނިމޭއިރު، ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ ތަފުސީލު އަދި އަދަދު އަދިވެސް ނޭނގޭ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
އިންތިގާލީ މަރުހަލާ މާދަމާ ނިމި، އާ ރައީސް ހުކުރު ދުވަހު ހުވާ ކުރައްވާނެ އެވެ. އަދި އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ވެސް އެ ދުވަހު އައްޔަނުކުރައްވާނެ އެވެ. މީގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހުން ބުނީ އެ ތަފުސީލުތައް ނުލިބެނީ އެކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ނުދޭތީ ކަމަށެވެ.
"އިންޑިއާ ސިފައިންގެ އަދަދާ ބެހޭގޮތުން އަޅުގަނޑު އިއްޔެ ވެސް ފާހަގަކުރީ އެކަށީގެންވާ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ޔަގީންކުރެވޭ މިންވަރަކަށް ލިބިފައެއް ނުވެއޭ،" މި މަހު އަށެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މިއަދު ސުވާލުކުރުމުންވެސް އޭނާ ވިދާޅުވީ "އަދިވެސް އެކަށީގެންވާ މައުލޫމާތު" ލިބިފައިނުވާ ކަަމަށެވެ.
އިންތިގާލީ މަރުހަލާގައި، މި މައުލޫމާތު ހުންނާނެ ގިނަ އިދާރާތަކާ އިންތިގާލީ ކޮމިޓީތަކުން ވަނީ ބައްދަލުކޮށްފަ އެވެ. އެގޮތުން ރައީސް އޮފީސް، ޑިފެންސް މިނިސްޓްރީ، އިމިގްރޭޝަން އަދި އިންޑިއާ ހައި ކޮމިޝަނާ ވެސް ވަނީ އިންތިގާލީ އޮފިޝަލުން ބައްދަލުކޮށްފަ އެވެ.

މި މައުލޫމާތު ލިބިފައިނުވި ނަމަވެސް، އިންތިގާލީ މަސައްކަތުގެ ތެރެއިން އެއްކުރި އެހެން މައުލޫމާތުތަކުގެ ތަފުސީލުތައް ފިރުޒުލް އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ހާމަކުރައްވާފަ އެވެ.
އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެކި ކުންފުނިތަކުގެ ހިންގުމުގައި ހުރި މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަފުސީލުތައް ވެސް އިންތިގާލީ ކޮމިޓީތަކުން ހޯދާ އާއްމުކޮށްފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފުސީލަކީ އެންމެ އިސްކަމެއް ދީގެން ހާމަކުރާނެ މައުލޫމާތުތައް ކަމުގައި ޑރ. މުއިއްޒުގެ ކެމްޕޭނުން ދިޔައީ ބުނަމުންނެވެ.
ނަމަވެސް، އިންތިހާބަށްފަހު ބައިނަލްއަގުވާމީ މީީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި މުއިއްޒު ވަނީ އިންޑިއާއާއެކު ގުޅުން ބާއްވާނެ ކަމަށާއި، ޗައިނާ އަދި އިންޑިއާގެ 'ކޯޅުމުގެ' ތެރޭގައި ރާއްޖެ ތާށިވުމުގެ ފުރުސަތު ނުދީ ގެންގުޅުއްވާނީ ހަމަހަމަ ސިޔާސަތުތަކެއް ކަމަށެވެ.
އަދި، އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަމިއްލަ ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓު ހަރަކާތަށް އިންތިހާބީ ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑު ބޭނުންވަނީވެސް ބޮޑަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން، މަގުމަތިން ހާސިލްކުރެވޭނެ ކަމެއް ނޫން މިއީކީ،" މުއިއްޒު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑު ހީނަރުވެގެން ދިޔަ އެވެ. އެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ، އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގީ ޗައިނާގެ މާލީ އެހީއާއި ލޯނު މެދުވެރިކޮށެވެ.












