ސަރުކާރުން ހިންގަމުން އަންނަ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކާއި ސޯޝަލް ހައުސިންއަށް ހާއްސަކޮށްފައިވާ ބިންތަކުން އާބަންކޯއަށް ލިބުނު ގެއްލުން ފޫބައްދަން މާލެ އަތޮޅު ގަލުފަޅާއި މާގިރިފަޅު އެ ކުންފުންޏަށް ދޭން ރައީސް އޮފީހުން މިއަދު ނިންމައިފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ މި ދެ ސްކީމުގެ ތެރެއިން ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ވަނީ 9003 ގޯތި ދޫކޮށްފަ އެވެ. އަދި ގެދޮރުވެރިޔާ ސްކީމަށް ބޭނުންވާ ފްލެޓުތައް ތަރައްގީކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ހުޅުމާލޭގައި 4000 ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އިތުރު 2000 ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި އޮތީ ސޮއިކޮށްފަ އެވެ.
'އަދަދު' ނޫހަށް އެނގިފައިވާ ގޮތުގައި މި ސްކީމްތަކަށް ބޭނުންވާ ބިންތަކުގެ ބަދަލުގެ ގޮތުގައި އާބަންކޯއަށް ދެ ފަޅު ދޭން އިކޮނޮމިކް ކައުންސިލުން ނިންމީ މިދިޔަ ހަފުތާގަ އެވެ. އިކޮނޮމިކް ކައުންސިލުގެ ނިންމުމުގައި ވަނީ ހުޅުމާލެއިން ގޯއްޗާއި ހައުސިން ޔުނިޓު އެޅުމަށް ދޫކޮށްފައިވާ ބިމުގެ އަގަށް އަރާ އަދަދު ފިނޭންސް މިނިސްޓްރީ އާއި އާބަންކޯ މަޝްވަރާކޮށްގެން ނިންމުމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

ބިންވެރިޔާ ސްކީމުން އެކަނި ވެސް އާބަންކޯއަށް 68 ހެކްޓަރުގެ ބިމުން ގެއްލުންވި އެވެ.












