ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ އެލާގޯ ބްރޭންޑުގެ ސިޓްރިޒެން ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި އެވެ.
ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ އެލާގޯ ބްރޭންޑުގެ 5mg/5ml ބޭސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރީ އޭގެ ބެޗެއްގައި ނުރައްކާތެރި ކެމިކަލް މާއްދާތައް ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރިކަން ފާހަގަކުރެވުމުންނެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ އެލާގޯ ބްރޭންޑުގެ އިތުރު ބެޗުތަކުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ކެމިކަލް ހުރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެހެންވެ މިއަދުން ފެށިގެން އެ ބޭހާއި އެ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އަދި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އެ އިދާރާއިން ވަނީ އަންގާފަ އެެވެ.













