ރިޔާސީ ދައުރުގައި ދެއްވާ ފަހު ހިތާބުގައި، ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރާ މަސައްކަތަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ މަސައްކަތްތަކާ ގުޅޭގޮތުން މިއަދުގެ ހިތާބުގައި އަލިއަޅުއްވާލުމުގެ ކުރިންނެވެ.
"ރާއްޖޭގެ ހާރިޖީ ކާމިޔާބީއާ ގުޅޭގޮތުން އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑުމެން ދިވެހިންގެ ހިތްތައް މިއަދު ބަރުވެފައިވަނީ ފަލަސްތީނުގެ މުސްލިމު އަހުންނާ އުހްތުންނަށް. އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުން ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް ފަލަސްތީނާއެކު ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ސަރުކާރުގެ އިތުރު ދިވެހި ރައްޔިތުން ވެސް ފަލަސްތީނަށް އޮތް ލޯތްބާއި ތާއީދު އަބަދުވެސް ދައްކާ ފާޅުކުރެ އެވެ.
މިދިޔަ މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާތަކެއްދީ 1400 މީހުން މަރާލުމުގެ ބަދަލުގައި ކަމަށް ބުނެ އިޒްރޭލުން ވަނީ ވޭތުވެދިޔަ 36 ދުވަހު ގާޒާއަށް ކެނޑިނޭޅި ބޮން އަޅާފަ އެވެ. އަދި މި މަހުގެ ފުރަތަމަ ހަފުތާގައި އިޒްރޭލުގެ ސިފައިން ވަނީ އެއްގަމު މަގުން އުތުރު ގާޒާއަށް ވަދެފަ އެވެ.

މި ހަމަލާތަކުގައި މަރުވި ފަލަސްތީނު މީހުންގެ އަދަދު 11،500 އަށްވުރެ މަތީގައި ވާއިރު އޭގެ ތެރޭގައި 5،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ.
މި ހަމަލާތައް ފެށުމާއެކު ރާއްޖެއިން ވަނީ ހަމަލާތައް ކުށްވެރިކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުގެ އިތުރުން އިޒްރޭލުގެ ގަތުލުއާއްމު ހުއްޓުވުމަށް އދ. ގެ އާއްމު މަޖިލީހަށް ގަރާރެއް ހުށަހެޅުމުގައި ވެސް ބައިވެރިވެފަ އެވެ. އެ ގަރާރު ފާސްވި ނަމަވެސް އިޒްރޭލުން ވަނީ އެޔަށް ބޯ ނުލަބާނެ ކަމަށް ބުނެފަ އެވެ.
އޭގެއިތުރުން، ޖަބަލިއާ ރެފިއުޖީ ކޭމްޕަށާއި ހޮސްޕިޓަލުތަކަށް ދިން ހަމަލާތައް އަދި ގާޒާއަށް ނިއުކްލިއާ ހަމަލާއެއް ދޭން އިޒްރޭލުގެ ވަޒީރަކު ގޮވާލި ގޮވާލުން ވަނީ ދިވެހި ސަރުކާރުން ކުށްވެރިކޮށްފަ އެވެ.
ފަލަސްތީނާއެކު ރާއްޖެއިން ބާއްވަމުން ގެންދާ ގުޅުން ވަރުގަދަކުުރުމަށް މި ސަރުކާރުން ކުރި އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި ސަފީރަކު ގައުމުގެ ރައީސަކަށް ފަތްކޮޅު އެރުވުމެވެ. ރާއްޖެއާއި ފަލަސްތީނާ ދެމެދު 4 އޭޕްރިލް 1982 ގަ އެވެ.
މީގެއިތުރުން ރައީސްގެ ހިތާބުގައި ވަނީ މި ސަރުކާރުން ހާރިޖީ ގޮތުން ހޯދި ކާމިޔާބީތައްވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ވޭތުވި ފަސް އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ހާރިޖީ ގުޅުންތައް އެންމެ ބޮޑަށް ބަދަހިކުރެވުނު މުއްދަތު ކަމަށާއި މި ވެރިކަމުގައި ރާއްޖޭގެ ސިޔާސީ ގުޅުމާ ޑިޕްލޮމެޓިކް ފުޓްޕްރިންޓް ދުނިޔޭގެ 185 ގައުމަށް ފުޅާކުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި، އދ. ގައި ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ވަނީ އިތުރަށް ފުޅާކޮށް ހަރުދަނާކުރެވިފަ، ނަތީޖާއެއްގެ ގޮތުން އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓި،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ފަރާތުން އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.













