އިންތިހާބީ ރައީސްގެ އެދިލެއްވުމާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މި ހަފުތާގެ ނިޔަލަށް އެނބުރި ރާއްޖެ އައުމަށް ފޮރިން މިނިސްޓަރީން އަންގައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ މިނިސްޓަރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ބައެއް ޑިޕްލޮމެޓިކް މުވައްޒަފުން މިމަހުގެ 18 ގެ ކުރިން ރާއްޖެއަށް އަނބުރާ ގެނައުމަށް އިންތިހާބީ ރައީސް އެދިލައްވާފައިވާ ކަމަށެވެ.
"މިގޮތަށް އެދިވަޑައިގެންނެވި 61 ބޭފުޅަކު އެދުވަހުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް މިހާރު ވާނީ ދެންނެވިފައި،" ސަފާއަތު ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ހާރިޖީ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ގެނައުމަށް އިންތިހާބީ ރައީސް އެދިލައްވާފައިވާއިރު، އައު ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ މަރުހަލާގެ ތެރެއިން އިތުރު ބައިވަރު މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.
އެގޮތުން އައު ސަރުކާރުގެ ކެބިނެޓު މިހާރު ވަނީ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ އިސްބޭފުޅުން ހިމަނައިގެން ފައިނަލްކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޑރ. މުއިއްޒުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަމަށް ވަޑައިގަންނަވާނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ.

އޭގެއިތުރުން ބައެއް ކުންފުނިތަކާ ހަވާލުވެލައްވާނެ ބޭފުޅުން ވެސް މިހާރު ދަނީ ފައިނަލް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ބޭރުގައި ހުންނަ ރާއްޖޭގެ މިޝަންތަކުގެ ވަޒީފާތަކަށް ވެސް ވެރިކަމާ ހަވާލުވުމަށް ފަހު އައު ބޭފުޅުން އައްޔަން ކުރައްވާނެ އެވެ.
އިންތިގާލީ މަރުހަލާ ނިމި، އައު ރައީސް ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގަ އެވެ.












