ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި، 2018 ވަނަ އަހަރު މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުތަކުގެ ތެރެއިން މިހާތަނަށް ފާސްނުވެ އޮތީ އެއް ބިލެވެ. ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވާވެ އެވެ.
އޭޖީ އޮފީހުން ބުނީ، މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި އޮތް ބިލުތަކުގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި އޮތްކަން އޭޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އަދި އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއްގެ މަސައްކަތް ވެސް ނުނިމި އޮތްކަން ފާހަގަކޮށް އޭޖީ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ބިލުތަކަކީ ކޯޓުތައް އިސްލާހުކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ބިލުތަކެއްކަމުގައި އޭޖީއިން ފާހަގަކޮށްފައިވެ އެވެ.













