އާ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރަކަށް މިނިސްޓަރެއްގެ ފެންވަރުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އަބްދުއްރަހީމުގެ ދަނބިދަރި އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެދެދަރި ބޭބެއެއް އައްޔަން ކުރައްވަން ނިންމަވައިފިކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ މުއިއްޒުގެ ސަރުކާރުގައި، ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި ޕީޕީއެމް/ ޕީއެންސީގެ ނުފޫޒުގަދަ ބޭފުޅުން އައްޔަން ކުރެއްވާނެ ކަމަށް އެ ކޯލިޝަންގެ އިސް ބޭފުޅުން ކަށަވަރުކޮށް ދެއްވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރައްވާ އެއް ބޭފުޅަކީ އަބްދުއްރަހީމްގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގެން އުޅުއްވާ އަހުމަދު ހިޝާމް ވަޖީހެވެ. އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސިސްޓެންޓް އެޓާނީ ޖެނެރަލަކަށް ހުންނެވި ބޭފުޅެކެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާކަން އެނގިފައިވާ މުއިއްޒުގެ ދެބެންގެ ދެދަރި ބޭބެއަކީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއަކަށް އުޅުއްވުމަށް ފަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މުއިއްޒަށް ތާއިދު ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާރިފު އެވެ.
މި ބޭފުޅުންގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އައްޔަންކުރައްވާ ބޭފުޅުންނަކީ:

- ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލު
- ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު
- ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފު (މުންދު)
- މާލެ ސިޓީ ކައުންސިލަރު އަބްދުﷲ ނަސީރު (ހެރިންސް އައްލޯ)
- މާލެ ސިޓީ ކައުންސިލަރު އާދަމް ރަމީޒު
- އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓް މުހައްމަދު ޝާހިދު
- ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

އާ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް އަންނާނެ ކަމަށް ބުނާ 10 ބޭފުޅުން
މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާއި އުފައްދަވާ މިނިސްޓްރީތަކާ ގުޅޭ ގޮތުން އާ ރައީސް އަދި އިންތިގާލީ އޮފީހުން ރަސްމީކޮށް ބަހެއް ބުނެފައެއް ނެތެވެ.
އެޑްވައިޒަރަކަށް އައްޔަން ކުރައްވާ އަބްދުއްރަހީމް އަކީ އާ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ބޭފުޅަކަށް ވެގެންދާނެ އެވެ.
ވިހި ވަނަ މަޖިލީހުގެ އިންތިހާބަށް އަބްދުއްރަހީމް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް، ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގެ އިންތިހާބުގައި ވާދައެއް ނުކުރައްވާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު، އިދިކޮޅު ކޯލިޝަނުގެ ކެމްޕޭނާއި އެހެނިހެން ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ އަބުދުލްރަހީމް އެވެ.
ޕީއެންސީގެ ޓިކެޓު މުއިއްޒަށް ފަހިކޮށް ދެއްވުމަށް އަބްދުއްރަހީމްގެ ދައުރު ބޮޑެވެ.
އާ ސަރުކާރުގައި ރައީސް އޮފީހުގެ މަތިފަޑި ބަރުވެގެން ދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުންގެ މަގާމުގައި ތިއްބެވީ ހަަތަރު ބޭފުޅުންނެވެ.












