މިދިޔަ 17 އަހަރު ވެސް އިޒްރޭލުން ހިސޯރުކޮށްފައި ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އެންމެ ފަހުން ފެށި އުދުވާން ތަކަށް މިއަދު މިވީ 34 ދުވަހެވެ. މިފަހަރުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 10،500 އަށްވުރެ މަތިވެފައިވާއިރު، އޭގެ ތެރޭގައި 4،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
އިޒްރޭލުން ބޮމުގެ ވާރޭ ވެއްސަމުންފާ ގާޒާގެ އައް ޝިފާ ހޮސްޕިޓަލުގެ ބޭރުން އިއްޔެ ފެނިގެންދިޔައީ ހިތާމަވެރި މަންޒަރެކެވެ. އިޒްރޭލުގެ އުދުވާނަށް ދުނިޔެއިން ދެމުންދާ ބީރު ކަންފަތަށް ކެތްނުވެގެން ގާޒާގެ ކުޑަކުދިން ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެކެވެ. ގޮވާލީ ހަމަލާތައް ހުއްޓައިލުމަށެވެ. އެދުނީ ދުނިޔޭގައި އެހެން ކުދިންވެސް އުޅޭ ކަހަލަ "އާންމު ދިރިއުޅުމެއް" ހޯދައި ދިނުމަށެވެ.
އިޒްރޭލުގެ ހަމަލާތަކާއެކު އެ ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުންދާ އެކި އުމުރުގެ ކުދިން، އެ ތަނުގައި ތިބި ނޫސްވެރިންނާ ވާހަކަ ދެއްކީ އަސަރާއެކު އެވެ.
"އޮކްޓޯބަރު ހަތަކުން ފެށިގެން [އިޒްރޭލުން ދަނީ] އަހަރުމެންގެ ގެތަކުން ނެރެލާ، އަހަރުމެން މަރާ، އަހަރުމެންގެ ބޮލަށް ބޮން އަޅަމުން، މި ހުރިހާ ކަމެއް ކުރަނީ ދުނިޔޭގެ ކުރިމަތީގައި، އެ މީހުން ބުނޭ އަހަރުމެން މަރަން ބޭނުންވަނީ ހަނގުރާމަވެރިންނޭ، އެކަމަކު އެމީހުން މަރަނީ ގާޒާގެ އާންމުން، އެމީހުންގެ ހުވަފެންތަކާއި ކުރިމަގު" ނޫސްވެރިންނާ ވާހަކަ ދައްކަމުން އެއް ކުއްޖަކު ބުންޏެވެ.
އައް ޝިފާ ހޮސްޕިޓަލު ހުންނަ އުތުރު ގާޒާ ހުސްކުރަން އިޒްރޭލުން މިހާރު ވަނީ އަންގައިފަ އެވެ. އެ ހޮސްޕިޓަލުގެ އަޑީގައި ހަމާސް ޖަމާއަތުގެ މައި މަރުކަޒު ހުރި ކަމަށް ބުނެ ބޮން އަޅާނެ ކަމުގެ އިންޒާރުވެސް އިޒްރޭލުން ވަނީ ދީފަ އެވެ. ނަމަވެސް، 20،000 އަށްވުރެ ގިނަ އާންމުން އެ ހޮސްޕިޓަލު ބޭނުންކުރަމުންދަނީ ހިމާޔަތް ހޯދުމަށެވެ. އިތުރު އެތައްހާސް ބަޔަކު ފަރުވާ ހޯދުމަށެވެ.

"އިޒްރޭލުން އެ ދަނީ އަހަރުމެން ބަނޑަށް ޖައްސަމުން، ފެނެއް ކާއެއްޗެއް ނެތް، ބޯން ޖެހެނީ ސާފުނޫން ފެން، އަހަރުމެން ޝިފާ ހޮސްޕިޓަލަށް އައިސް މިތިބީ ހިމާޔަތް ހޯދަން" ނޫސްވެރިންނާ ވާހަކަ ދެއްކި ކުުއްޖާ ބުންޏެވެ.
ގާޒާގައި މިހާރު ހިންގަމުންދާ ގަތުލުއާންމަކީ، ހަނގުރާމަ ކުރަމުންދާ ސަރަހައްދެއްގައި އެންމެ ގިނަ ކުޑަކުދިން މަރުވެފައިވާ ހަމަލާތަކެވެ. ދުވާލެއްގެ މައްޗަށް ގާޒާގައި މަރުވާ ކުޑަކުދިންގެ އަދަދަކީ 136 އެވެ. ޔޫކްރޭން ހަނގުރާމާގައި ދުވާލެއްގެ މައްޗަށް މަރުވަނީ 0.7 ކުޑަކުދިންނެވެ. އީރާގު ހަނގުރާމާގައި 0.6 އެވެ.
އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ފެށިތާ ހަފުތާއެއް ވެފައިވާއިރު، އުއްމީދުކުރި ވަރުގެ ކުރިއެރުމެއް ވަނީ ނުލިބިފަ އެވެ. އެ މަސައްކަތުގައި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 100 އާ ގާތަށް ގޮސްފަ އެވެ.
ނިމުނު 33 ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 10،000 އަށްވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި 4،500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.













