އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް މި މަހު 17 ގައި ބާއްވާ ޖަލްސާއަށް ވަޑައިގެންދެވުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދީފި އެވެ.
މޯދީއަށް ދައުވަތު ފޮނުވިކަން އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެން ސުވާލުކުރުމުން، އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ވަނީ އެކަން "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މޯދީއަށް ދައުވަތު ދީފައިވަނީ އަވަށްޓެރި ހުރިހާ ގައުމެއްގެ ވެރިންނަށް ދީފައިވާ ދައުވަތަކުގެ ތެރެއިން ކަމަށެވެ.
"ކުރިން ވެސް އަޅުގަނޑުމެން ފާހަގަކޮށްފައި ވާނެ ފަދައިން އަވަށްޓެރި ހުރިހާ ގައުމަކަށް އަދި ގާތްގުޅުން އޮންނަ ގައުމުތަކަށް ދައުވަތު އަރުވާފައިވާނެ،" އޭނާ ވިދާޅުވި އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތުދީފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާ އޮތް ގުޅުމުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަން ކަމަށް އަސަރު ކުރާނެ އެތައް ކަމެއް ކުރުމުގެ ފުރުސަތު ދެމުންދާ ކަމަށް މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން ގަބޫލު ކުރެ އެވެ.
ރިޔާސީ އިންތިހާބަށް ފަހު މުއިއްޒު ފުރަތަމަ ފަހަރަށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވެސް ދެއްވި ޔަގީންކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމެވެ. އެއަށްފަހު އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައިވެސް މުއިއްޒު ވަނީ އެ ވާހަފުޅު ތަކުރާރުކުރައްވާފަ އެވެ.

އޭގެ ފަހުން އިންޑިއާގެ ސަފީރާ ވެސް އިންތިހާބީ ރައީސް މުއިއްޒު ބައްދަލު ކުރައްވާފައިވެ އެވެ. ބައްދަލުވުމަށްފަހު މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ވަރަށް ސުވާލުތައް ހުރި ކަމާއި، އެ ސުވާލުތަކަށް ޖަވާބު ލިބުން މުހިންމު ކަމަށް ސަފީރަށް ދެންނެވި ކަމަށެވެ.
އެ ބައްދަލުވުމުގައި ސަފީރުގެ ޖަވާބަކީ ވާހަކަ ދައްކައިގެން، ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދެވޭނެ ކަމަށް، މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބަށްފަހު ބައިނަލްއަގުވާމީ މީީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި މުއިއްޒު ވަނީ އިންޑިއާއާއެކު ގުޅުން ބާއްވާނެ ކަމަށާއި، ޗައިނާ އަދި އިންޑިއާގެ 'ކޯޅުމުގެ' ތެރޭގައި ރާއްޖެ ތާށިވުމުގެ ފުރުސަތު ނުދީ ގެންގުޅުއްވާނީ ހަމަހަމަ ސިޔާސަތުތަކެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑު ހީނަރުވެގެން ދިޔަ އެވެ. އެ ވެރިކަމުގައި ގާތް ގުޅުމެއް ބޭއްވީ، އިންޑިއާއާ ވާދަވެރި ޗައިނާއާ އެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހިންގީ ޗައިނާގެ މާލީ އެހީއާއި ލޯނު މެދުވެރިކޮށެވެ.
މި ސަރުކާރުގައި އިންޑިއާގެ ލޯނު އެހީ މެދުވެރިކޮށް ގިނަ މަޝްރޫއުތައް ރޭވިއިރު، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއް ވެސް ހިންގި އެވެ. މުއިއްޒުގެ ވެރިކަމުގައި އިންޑިއާއާ އޮންނަ ގުޅުމާ މެދު ސުވާލުތައް ގިނަވެގެން އުޅެނީ މި ސަބަބުތައް ހުރީމަ އެވެ.













