ސަރުކާރާ ހަވާލުވާން ތައްޔާރުވާ ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމަށް ވިދާޅުވުމާ އެކުގައި ވެސް އެކޯލިޝަން ބައިބައިވުމަށް ޖާގަ ނުދޭން ޕީއެންސީގެ ޗެެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ މިއަދު ގޮވައިލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުރަސްމީކޮށް ކެމްޕޭން ކުރުމަށާއި ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ދެޕާޓީގެ ލީޑަރުން އައްޑުއަށް ކުރައްވާ ދަތުރުގައި މިއަދު ބޭއްވި ޖަލްސާއެއްގައި އަބްދުއް ރަހީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ދެޕާޓީގެ މެމްބަރުން ދެއްކި އެކުވެރިކަން ކުރިއަށް އޮތް ތަނުގައި ވަރުގަދަކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. މެމްބަރުންނަށް އޭނާ ގޮވައިލެއްވީ ދެޕާޓީގެ އެތެރޭގައި ފިތުނަ ފަސާދަ އުފައްދަން ޖާގަ ނުދޭށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ފިތުނަ ފަސާދައަށް ޖާގަނުދެއްވާށޭ. އަޅުގަނޑުމެންގެ ޕާޓީ ބައިބައިކޮށް ރޫޅައިލުމުގެ ފުރުސަތު އެއްވެެސް ފަރާތަކަށް ނުދެއްވާށޭ. އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން މި ގާއިމްކުރި ސަރުކާރު ބަލިކަށިވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާށޭ،" އަބްދުއް ރަހީމް ވިދާޅުވި އެވެ. '
އަލަށް އުފެދޭ ސަރުކާރު ބަލިކަށިކުރަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް ތެދުވުމުގެ ހިއްވަރު އާކުރަން ވެސް ޕީޕީއެމް/ޕީއެންސީގެ ސޯޓަރުންނަށް ގޮވައިލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަން ޖެހެނީ ހަަމަ އެކަނި އެ ދެޕާޓީއަށް ޓަކައެއް ނޫނެވެ. އެއީ ގައުމަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ބޭކާރު ވާހަކަތަކަށް ހެއްލިގެން ނުދާންވީ"
ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ކުރަން އަބްދުއް ރަހީމް އެދިވަޑައިގެންނެވި އަނެއް ކަމަކީ ބޭކާރު ވާހަކަތަކަށް ހެއްލިގެން ނުދިއުމެވެ. އެހެން ނަމަވެސް އެއީ ކޮން ބައެއް ދައްކާ ވާހަކަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ އޮފީހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިދިޔަ ހަފުތާގައި ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތަކަށް އަބްދުއް ރަހީމް ރޭ ރައްދު ދެއްވި އެވެ.
އެ ޖަލްސާގައި ޖަމީލު ވިދާޅުވީ ވެރިކަމަށް އާދެވުމުން ހެއްދެވޭނެ އެންމެ ބޮޑު ގޯހަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތުންކަމަށެވެ.
"ހެދޭނެ އެންމެ ބޮޑު ގޯހަކީ އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔަބީ ލިބުނު ގޮތް ހަނދާން ނައްތާލުން، ހަނދާން ނައްތާލުން، ކިހިނެއްހޭ އައީ، ކާކުހޭ އެންމެ ބޮޑު ގުރުބާނީއެއްވީ، ކޮންބައެއްގެ މަސައްކަތް ހޭ؟ ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުން، އަޅުގަނޑުމެން ޕާޓީން އެކަންޏެއް ނޫނޭ، ބައިވަރު ހެޔޮއެދޭ ގާތް ތިމާގެ އެތައް ރަހުމަތްތެރި އެތައް ބައެއްގެ ބުރަ މަސައްކަތުން،" ޖަމީލް ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ވެރިކަމާ ހަމައަަށް އާދެވުނު ގޮތާއި ވެރިކަން ހޯދައިދޭން މަސައްކަތް ކޮށްދެއްވި ބޭފުޅުންނާއި ވެރިކަން ހޯދުމާ ދެކޮޅަށް ނުކުތް ފަރާތްތަކުގެ މަތިން ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ މިދުވަސްވަރު ދައްކާ ބޭކާރު ވާހަކަތަކަށާއި ދޮގު ހަބަރުތަކަށް މެމްބަރުން ހެއްލިގެން ނުދާން އެދިވަޑައިގަންނަވާ ކަމަށެވެ.
"ޕީޕީއެމް/ޕީއެންސީގެ ތެރޭގައި މައްސަލަ އެބަހުއްޓޭ ކިޔައިގެން ދައްކާ ވާހަކަ އެެއީ ހަގީގަތާ ހިލާފު ވާހަކައެއް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެޕާޓީ އޮތީ އެއްބައެއްގެ ގޮތުގައި އަދި އެކަތިގަނޑެއްގެ ގޮތުގަ އެވެ.













