މަނީ ލޯންޑަރިން އާއި ރިޝްވަތުހިފުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ސަރުކާރުން ލުއި ދިން އިރު ވެފައިވާ އިގުރާރާ ހިލާފަށް އަމަލުކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިން އިންޒާރަށް ޕީޕީއެމް/ޕީއެންސީން އެއްޗެއް ބުނަން ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ ދެކޮޅު ހައްދަވައިފި އެވެ.
ޕީޕީއެމް/ޕީއެންސީން އައްޑުއަށް ކުރާ ދަތުރަށް ފެށްޓެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު " އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ ކަރެކްޝަނަލް ސާވިސް އިން ޔާމީނަށް އިންޒާރުދީ ނެރުނު ބަޔާނަކީ ގާނޫނާ އެއްގޮތަށް ނެރުނު ބަޔާނެއް ކަމަށް ވާނަމަ ޕާޓީން އެއަށް އެއްޗެއް ބުނަން ނުޖެހޭނެ ކަމަށެވެ.
އަބްދުއް ރަހީމް މިމޭރުމުން ޖަވާބު ދެއްވި އިރު ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ތަހުގީގުކޮށް، ،މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމަށް، ޕީޕީއެެމް/ޕީއެންސީން މީގެ ކުރިން ކިޔަމުން އައީ "ހަރާމް ހުކުމް" މި ނަމެވެ. އެއީ ސިޔާސީ ގޮތުން އިއްވާފައިވާ ހުކުމެއް ކަމަށް އެ ދެޕާޓީން ތަކުރާރުކޮށް ގެންދިޔައީ ބުނަމުންނެވެ.
ކަރެކްޝަނަލް ސާވިސް އިން ޔާމީނަށް ލުއިކޮށްދިނީ އެހުކުމުގެ އަދަބެވެ. އިންޒާރުދިނީ އެ އަދަބަށް ލުއި ދިން އިރު ވީ އިގުރާރާ ހިލާފުވެގެންނެވެ.
"ތިޔަ ވިދާޅުވި ހެން، ޖަލުތަކާ ޕެރޯލްގެ ގާނޫނާ އެއްގޮތަށް ބަޔާނެއް ނެެރެފިއްޔާ، އެއަކަށް އަޅުގަނޑުމެން ޖަވާބުދޭކަށެއް ނުޖެހޭނެ. އެހެންނޫންތޯ ވާނީ؟ އެއީ އެނގިވަޑައިގަންނަވާނެ އެ ބޭފުޅުން [ކަރެކްޝަނަލް ސާވިސް އިން ] ބަޔާން ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާ ދެއްވާފައި،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީން ބަހެއް ބުނަން މުނާސަބު ނުވަނީ ކަރެކްޝަނަލް ސާވިސް އިން ގާނޫނާ ހަވާލާދީފައި އޮތުމުންނެވެ.












